ޚަބަރު

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދު ވިޔަފާރިއަށް ދޫކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް - އޭސީސީ


ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދު ވިޔަފާރިއަށް ދޫކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށާ ޤަވާއިދާ ޚިލާފަށް އެކަން ކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އަންގާފައިވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވިދާޅުވެއްޖެއެވެ.

މި މައްސަލަ ބެލުމަށްފަހު އޭސީސީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އަމިއްލަ ފަރާތްތަކުން އެއްވެސް އުޞޫލެއްނެތި ހުޅުމާލޭ ބީޗް ސަރަޙައްދު ވިޔަފާރިއަށް ބޭނުން ކުރަމުންދާކަމަށާ، އެސަރަހައްދުގައި ހުރި ބައެއް ގެސްޓްހައުސްތަކުން ކުރިމަތީގައިވާ ހުސްބިން ކުއްޔަށްދީގެން ފައިދާވެސް ނަގަމުންދާއިރު، އެޗްޑީސީން އެއްވެސް ފިޔަވަޅެއް ނާޅައި އެފަރާތްތަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.

އޭސީސީން ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އެތަންތަން ހުސްކުރަން އެޗްޑީސީން އިޢުލާނެއް ކުރިކަމަށާއި އެއާއެކު ބައެއް ފަރާތްތަކުން އެ އެންގުމާއި އެއްގޮތަށް އަމަލުކުރި ކަމަށެވެ. އަދި އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް ހަދާފައި ވަނިކޮށް، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅުމަށާއި އެންގުމާ އެއްގޮތަށް އަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށެވެެ.

ނަމަވެސް ވަކި ބަޔަކަށް ހުއްދަ ދިނުމަށް ނިންމުމަކީ ޒިންމާދާރު ނިންމުމެއް ނޫންކަމާއި އެހެން ވުމުން ވަކިބަޔަކަށް ނާޖާއިޒު ގޮތުގައި މަންފާ ނެގުމަށް ފުރުޞަތު ލިބޭކަން އޭސީސީން ވަނީ ފާހަގަ ކުރައްވާފައެވެ.

އެ އެންގުމަށް ޢަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދޭން ނިންމިއިރު މައިގަނޑު ތިން ކަމެއް ޝަރުތުކުރަން އެޗްޑީސީން ނިންމާފައިވާކަން ފާހަގަވާކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެއީ ގޮނޑި މޭޒުފަދަ ހިފައި ގެންގުޅޭ ފަރުނީޗަރު ބިމަށް ހަރުނުކޮށް ބެހެއްޓުމާއި އެއްވެސް ޒާތެއްގެ އިމާރާތެއް ނުވަތަ ހިޔާގަނޑެއް ނުހެދުމާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން މަނާކޮށްފައިވާ ކަމެއް ނުކުރުމާއި ގަސްގަހާގެހި އުފުރައި ނުވަތަ ކަނޑައި ނުހެދުމާއި އެސަރަހައްދުގައި ތިމާވެއްޓަށް ގެއްލުންވާނޭފަދަ ކަމެއް ނުކުރުން ހިމެނެއެވެ. އަދި އެސަރަހައްދުގައި ބަހައްޓާ ގޮނޑި މޭޒުފަދަ ފަރުނީޗަރުތަކަކީ ޢާންމުންނަށް އެއްވެސް ޝަރުތަކާނުލައި ބޭނުންކުރެވޭނެ ތަކެތި ކަމުގައި ވާންޖެހޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ހުޅުމާލޭ ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެޗްޑީސީން ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން ޢާންމުކޮށް ބޭނުންކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށާ އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗްޑީސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުން ކަމަށް ބެލެވިދާނެކަމާއި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އޭސީސީން ވިދާޅުވެއެވެ.

މީގެ އިތުރުން އަލުން ހުއްދަ ދިނުމުގައިވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައި ވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ ޢާދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫންކަމަށާ ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށާ، އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބޭގޮތަށް ޢާންމުކޮށް އިޢުލާނުކޮށްގެން އެކަންކުރުމަށް އޭސީސީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އަންގަވާފައެވެ.