ސިޔާސީ

ޖަލު ބަންދުގައި ހުންނަން ޖެހުމަކީ އުނގެނުމަށް އޮތް ހުރަހެއް ނޫން - ހޯމް މިނިސްޓަރ


މީހަކު ކުރާ ކުށެއްގެ ސަބަބުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުވެފައި ހުންނަން ޖެހުމަކީ އުނގެނުމާއި ދަސްކުރުމާއި ހުނަރުވެރިކަމުން މަހުރޫމްވާން ޖެހޭ ސަބަބެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ފަށްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުރެވޭ ކުށެއްގެ ސަބަބުން ޖަލުގައި ހޭދަކުރަންޖެހޭ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށް ދެވިއްޖެނަމަ އުނގެނުމާއި ދަސްކުރުމަސް މުހިންމު ފުރުޞަތަކަށް ވެގެންދާނެ ކަމަށެވެ.

"ޖަލުގައި ހޭދަކުރަންޖެހޭ ވަގުތަކީ އެވަގުތު ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދެވިއްޖެނަމަ އުނގެނުމާއި ދަސްކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުސަތަކަށް ހެދިގެން ހިނގައިދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށާ ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެމުހިންމު ކަމަކީ ވިސްނުމަށް ބަދަލު ގެނައުންކަމަށެވެ. އެގޮތުން ވެރިންނާއި ގައިދީންގެވެސް ވިސްނުން ބަދަލު ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާދެ އަޅުގަނޑުމެން އެކަމާ ޙަވާލުވެގެން ތިބޭ މީހުންގެ ވިސްނުމަށް ހެޔޮބަދަލު އައުން ޖަލުތަކުގައި ބަންދުކުރެވޭ ގައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުގެނައުން. ހެޔޮބަދަލު ގެންނަން ފެށޭ ހިސާބަކީ އިތުރު މަޢުލޫމާތާއި ޢިލްމު ލިބިގަތުން. މަޢުލޫމާތާއި ޢިލްމު ލިބިގަތުމުގެ އެންމެ މުހިންމު ވަޞީލަތަކީ ފޮތް ކިޔުން." މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމު އަމީނިއްޔާ ސްކޫލުގައި ވަނީ ހަމަޖައްސާފައެވެ.

ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ބައިނަލްއަގުވާމީ އުސޫލުތަކަށް ފައްތައި ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.