ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީގެ ބިލް ކޮމިޓީން ފާސްކޮށްފި


ދިވެހިރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ހުށައަޅާފައިވާ އެބިލް ކޮމިޓީން ފާސްކުރީ ކޮމިޓީގައި މިއަދު ބައިވެރިވި 6 މެމްބަރުންގެ އިއްތިފާގުންނެވެ.ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެމްބީސީ ނިއުސްއަށް ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީ ގާއިމްކުރުމުގެ ބިލް ކޮމިޓީން ފާސްކުރިގޮތުގެ ރިޕޯޓް މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ރައީސްއަށް ފޮނުއްވާނެކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރެވިއެދުވަހުގެ ޖަލްސާއިން ފާސްކޮށް ޤާނޫނަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ބިލަށް  ކޮމިޓީގެ މަރުހަލާގައި ބައެއް ބަދަލުތައް އައިސްފައިވާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ޔުނިވާސިޓީގެ ބޯޑުގައި އިސްލާމީ ޝަރީއަތުގައިވާ ކުށެއް ސާބިތުވެފައިވާ ފަރާތެއް ނުހިމެނުންފަދަ އިސްލާހުތައް ފާސްކޮށްފައިވާކަމަށެވެ.ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ހުށައަޅުއްވާފައިވާ އެބިލްގައި ވާގޮތުން އެގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުއްލިޔަތުން ލިރާސާތިލް އިސްލާމިއްޔާ "ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ" އަށް ބަދަލުވާނެއެވެ.