އައްޑޫސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގޮނޮސްޓިކް ކެއަރގެ ޓެލެ ހެލްތް ކްލިނިކުގެ ޙިދްމަތް ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް އިންޓަރވިއުދެއްވަމުން އެއިމްސް ކްލިނިކްގެ މެނޭޖަރ އާޝިއާ ލަތީފް ވިދާޅުވީ ޓެލެ ހެލްތު ކުލިނިކްގެ ޚިދްމަތް ލަސްވީ ރައްޔިތުންނަށް އެންމެ ހެޔޮ އަގުގައި ޓެލެމެޑިސިންގެ ޚިދްމަތް ފޯރުކޮށްދިނުމަށް އެޕޯލޯ ހޮސްޕިޓަލާއި މަޝްވަރާކޮށް، އެދެވޭނެ އަގެއް ކަނޑައެޅުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ ތިން މަސް ދުވަހުގެ ނިޔަލަށް 495 ރުފިޔާ ނުވަތަ 32 ޑޮލަރުގެ ރޭޓުން ޓެލެމެޑިސިންގެ ޚިދްމަތް ދެވޭނެކަމަށެވެ. އަދި ޙިދްމަތް އިތުރަށް ފުޅާ ކުރުމަށް ޓެލެހެލްތްގެ ކްލިނިކެއް ހުޅުމީދޫގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ޑިމާންޑްހުރި ވަރަކުން އެހެން ރަށްތަކުގައިވެސް ޓެލެހެލްތް ކްލިނިކް ގާއިމް ކުރުމުގެ ވިސްނުންހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
" އެޕޯލޯ ހޮސްޕިޓަލާއިއެއްކޮށް އަޅުގަނޑުމެން ނެގޯޝިއޭޓްކުރީ ރައްޔިތުންނަށް އެންމެ އެކަށޭނެ އަގުގައި ޓެލެމެޑިސިންގެ ޚިދްމަތް ފޯރުކޮށްދިނުމަށް. އެހެންވީމަ ޓެލެ ހެލްތް ކްލިނިކުގެ ހިދްމަތް ތަންކޮޅެއް ލަސްވެގެންދިޔައީ. މިހާރު އިންނާނީ ފުރަތަމަ ތިން މަހަށް 32 ޑޮލަރުގެ ރޭޓުން އެއީ ގާތްގަޑަކަށް ދިވެހި ރުފިޔާއިން -/495. ޓެލެމެޑިސިން އިތުރަށް ޕްރޮމޯޓް ކުރުމަށް މިހާރު އަޅުގަނޑުމެން ޓެލެހެލްތް ކްލިނިކެއް ހުޅުމީދޫގައި ހުޅުވުމުގެ މަސައްކަތް ކުރަމުން މިދަނީ. ދެން ޑިމާންޑް އޮންނަ ވަރަކުން އަޅުގަނޑުމެންގެ ވިސްނުން އެބަހުރި އިތުރު ރަށްތަކުގަ ޓެލެހެލްތް ކްލިނިކް ގާއިމް ކުރުމުގެ " އެއިމްސް ކްލިނިކްގެ މެނޭޖަރ އާޝިއާ ލަތީފް ވިދާޅުވިއެވެ.
ޓެލެމެޑިސިންގެ ޚިދްމަތް ތައާރަފް ކުރުމުގެ ބޭނުމަކީ ރާއްޖެއިން ދެއްކެން ނެތް ޑޮކްޓަރުންނަށް ކުޑަ ޚަރަދެއް ކޮށްގެން ފަރުވާ ހޯދުން ކަމަށް އެއިމްސްއިން ބުނެއެވެ. ޓެލެމެޑިސިންގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ގިނަ ބަޔަކަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެއިމްސްއިން ބުނެއެވެ. އެގޮތުން ބަލިމީހުންނަށް ގައުމުން ބޭރަށް ނުގޮސް އެއިމްސް ހޮސްޕިޓަލް މެދުވެރިކޮށް އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލުގެ ޚާއްޞަ ސްޕެޝަލިސްޓުންނަށް ކުޑައަގެއްގައި ދެއްކޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޓެލެމެޑިސިން ނުވަތަ ދުރުތާ ފަރުވާ ލިބިގަތުމުގެ ޚިދްމަތް އައްޑޫސިޓީއިން މިހާރު ލިބޭއިރު، މި ޚިދްމަތުގެ ސަބަބުން ބަލިމީހާއާއި ޑޮކްޓަރާއި އެއްތަނެއްގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތްތަކުގައި ވެބްކެމްގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭނެއެވެ. ބަލިމީހާގެ ހުރިހާ ރިޕޯޓްސް ތަކާއެކު އޯޑިއޯ ނުވަތަ ވީޑިއޯ ވިޝުއަލްގެ އެހީގައި އެޕޯލޯ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ގުޅާލުމުގެ އިތުރަށް، ސްޕެޝަލިސްޓުންގެ އިރުޝާދާއެކު ބޭސް ކުރިއަށް ގެންދެވި ބަލިމީހާގެ ބަލި ޑައިގްނޯސް ކޮށް ބަލިމީހާ ކަންތައްތައް ކުރަންވާގޮތް ކިޔައިދެވޭނެ އެވެ.
އެއިމްސް ކްލިނިކްގެ މެނޭޖަރ އާޝިއާ ލަތީފް ވިދާޅުވީ ޓެލެމެޑިސިންގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ޓެލެމެޑިސިންއާއިބެހޭ މައުލޫމާތު ރައްޔިތުންނަށް އެނގިފައި ނެތުން ކަމަށެވެ. މިކަން އިތުރަށް ޕްރޮމޯޓް ކުރުމަށް އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން މެޑިކަލް ކޭމްޕެއް ރާވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެލެމެޑިސިންއަކީ އާސަންދަ ކަވަރ ކުރާ ޙިދްމަތަކަށް ނުވުމުން ރައްޔިތުންނަށް ޙިދްމަތް ފޯރުކޮށްދިނުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހޭ ކަމަށްވެސް އާޝިއާ ފާހަގަކުރެއްވިއެވެ.
" ޙިދްމަތް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންނަށް ޓެލެމެޑިސިންއަކީ ކޯއްޗެއްކަން އެހާބޮޑަށް އަހުލުވެރިވެފައި ނެތުން. އަޅުގަނޑުމެން މެޑިކަލް ކޭމްޕެއް އެޕޯލޮ ހޮސްޕިޓަލާއި ގުޅިގެން ރާވަމުން މިދަނީ. އެޕޯލޯ ހޮސްޕިޓަލްގެ ސުޕަރ ސްޕްޝަލިސްޓުންނައި އެއްކޮށް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ރަމަޝާން މަސް ނިންމުމަށްފަހު އަޅުގަނޑުމެން މެޑިކަލް ކޭމްޕެއް ކުރިއަށް ގެންދާނަން. ޓެލެމެޑިސިންއަކީ އާސަންދަ ކަވަރކުރާ އެއްޗެއްނޫންވީމަ އެއީވެސް ތަންކޮޅެއް ބޮޑު ގޮންޖެހުމެއް އަޅުގަނޑުމެންނަށް ދިމާވެފައިވާ. " އެއިމްސް ކްލިނިކްގެ މެނޭޖަރ އާޝިއާ ލަތީފް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ކްލިނިކްއިން މި ޚިދުމަތް އައްޑޫ އަށް ތައާރަފްކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލާ ގުޅިގެންނެވެ. އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން އެޕޯލޯ އެއިމްސް ޓެލެހެލްތް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގައެވެ.