ޚަބަރު

އުމްރާއަށް ދިޔަ 53 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ


ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ 53 އަހަރުގެ އަންހެނެއްކަމަށެވެ. އަންހެން މީހާ ގެއްލިފަވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި އެމީހާ އެންމެ ފަހުން ދިމާވީއިރު، ބުނެފައިވަނީ ފަޔަށް ތަދުވާކަމަށާއި، އަރާމުކޮށްލަށް ކުޑަ ވަގުތުކޮޅެއްގައި މަޑުކޮށްލަން ބޭނުންވާކަމަށެވެ. އޭގެފަހުން އެމީހާގެ ޚަބަރެއް ވެފައި ނުވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މި އަންހެން މީހާ އުމަރާއަށް ގޮސްފައިވަނީ އޭނާގެ ފިރިމީހާއާއިއެކުގައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނާއި، ސަޢުދީގެ އެޖެންޓުންނާއި ގުޅިގެން ހަރަމްފުޅާއި، ހޮސްޕިޓަލްތައްވެސް ބަލަމުންއަންނަކަމަށެވެ. ނަމަވެސް މިހާތަނަށް އެމީހާގެ އެއްވެސް ޚަބަރެއް ނުވާކަމަށެވެ.

ޙައްޖަށާއި އުމްރާއަށްދާ ކޮންމެ މީހަކަށްވެސް އެމީހެއްގެ މަޢުލޫމާތު ހިމެނޭ ކާޑެއް ދީފައި އޮވެއެވެ. މި ކާޑުގައި މީހާގެ މަޢުލޫމާތާއި، ޤައުމާއި، އަދި ރާއްޖެއާއި ސަޢުދީގެ އެޖެންޓުންނާއި ގުޅޭނި ނަންބަރުތައްވެސް ހިމެނޭނެއެވެ.

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު 84 މީހުން އުމްރާއަށް ގޮސްފައިވެއެވެ. ޙައްޖު ކޯޕަރޭޝަނުން ބުނފައިވަނީ އުމްރާއަށް ދިޔަ އެހެން މީހުންގެ ޙާލު ރަނގަޅުކަމަށެވެ.

ޙައްޖަށާއި އުމްރާއަށްދާ މީހުންނަށް މަގު އޮޅުންފަދަ ކަންކަން ދިމާވެ ގެއްލޭ މައްސަލަ މީގެކުރިންވެސް ދިމާވެފައިވެއެވެ. އެހެންކަމުން މިކަންކަމަށް މީޙުން ޙޭލުންތެރިކުރުމަށް އުމްރާއަށާއި ޙައްޖައްދާއިރު މިފަދަ ޙާއްލަތެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނެ ގޮތްތައްވެސް ކިޔައިދެއެވެ.