ރާއްޖޭގައި މީގެކުރިން އޮތް ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިއަދު މިނިވަންކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރާއްޖެއަށް އެކި ދާއިރާތަކުން މިނިވަންކަން ހޯދުމަށް ކުރައްވަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދާޚިލީ ގޮތުން ޤައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަ ގޮތުގައި ލިބިގެން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީޚުގައިވެސް އަދުގެ ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް ދުވަހަކުވެސް ޑިމޮކްރަސީ މިނިވަންކަމާއެކު ތަންފީޒު ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެކުރިން އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމުގެ ސަގާފަތެއް ގެންގުޅުނު ނަމަވެސް މިއަދު އެ ފަރާތްތަކުން ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވުމަށް ފުރިހަމަ މިނިވަކަން ދެއްވާފައިވާ ކަމަށެވެ.
"އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް އާއިރު ހައްޔަރުކޮށްފައި ނުވާނެ. ކުރީގެ ރައީސްކަން ކޮށްފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައި ނުވާނެ. މިއީތޯ މީގެކުރިން މިޤައުމުގައި ކަންކަން އޮތް ގޮތަކީ. ސަރުކާރެއް ހޮވާތަނުން އަވަސްވެ ގަންނަނީ ކުރީގައި އެންމެފަހުން ވެރިކަމުން ފޭބިމީހާ ޖަލަށްލެވޭތޯ. ބަދަލު ހިފުމުގެ ރޫހު ނޫންކަމެއް ޤައުމުގައި ތަންފީޒުކޮށްފައިނުވޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤައުމުގައި އޮތް ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާއެކު މިއަދު އެ ވިހަގަދަ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންވެފައިވާ ކަމަށެވެ. އަދި ޤައުމުގައި ޒަމާންތަކެއް ވަންދެން އޮތް އަނިޔާވެރިކަމުގެ ސަޤާފަތްވެސް އެއްކޮށް ނިމުމަށް ގެނެސްފައިވާ ކަމަށާއި ޑިމޮކްރަސީ އޭގެ އެންމެ ފުރިހަމަ މިނުގައި ތަންފީޒުކުރައްވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިމޮކްރަސީގެ މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަންވެސް އޭގެ އެންމެ ފުޅާމިނުގައި އެމަނިކުފާނުގެ ސަރުކާރުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި މިނިވަންކަން ލިބުނު ނަމަވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިސްލާމްދީނުގައިވާ އިންތަކާއި މިންތަކަށް ހުރިހާ ރައްޔިތުންވެސް ތަބާވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.