ދުނިޔެ

ސައުދީން ޔަމަނަށްދެމުންދާ ހަމަލާތައް ހުއްޓާލައިފި


ސައޫދީ އަރަބިޔާ އިސްކޮށްގެން ޔަމަނަށް ދެމުންގެންދިޔަ ވައިގެ ޙަމަލާތައް ހުއްޓާލިކަން ސައޫދީ ސަރުކާރުން އިޢްލާންކޮށްފިއެވެ.ސައޫދީ ސަރުކާރުން ބުނީ "ފާމްނެސް ސްޓޯމް" ގެ ނަމުގައި ޔަމަންގެ ހޫޘީ ޖަމާއަތާ ދެކޮޅަށް ދެމުންގެންދިޔަ ވައިގެ ޙަމަލާތައް ހުއްޓާލައިފި ކަމަށާ ދެން ކުރިޔަށްގެންދާނީ ޔަމަންގެ މައްސަލަ އަށް ސުލްޙަވެރި ޙައްލެއް ހޯދުމުގެ ސިޔާސީ މަސައްކަތްތައް ކަމަށެވެ."ފާމްނެސް ސްޓޯމް" ގެ ނަމުގައި ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގައި ހިންގަމުންގެންދިޔަ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެނައިކަން އިޢްލާންކޮށްފައިވަނީ ސައޫދީ ދިފާޢީ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައެވެ. ވައިގެ ޙަމަލާތައް ހުއްޓާލީ އެޙަމަލާތަކުން ޙާސިލް ކުރަންބޭނުންވި ހުރިހާ މަގްސަދްތަކެއް ޙާސިލް ކުރުމަށްފަހުގައި ކަމަށާ "އުންމީދު ޙާސިލް" ކުރުމުގެ ނަމުގައި ދެން ކުރިޔަށްގެންދާނީ ޔަމަންގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމުގެ ސިޔާސީ މަސައްކަތްތައް ކަމަށްވެސް ސައޫދީ ދިފާޢީ ވުޒާރާގެ ބަޔާނުގައި ވެއެވެ.ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތާއި އެޖަމާއަތާ ގުޅިފައިވާ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް އަސްކަރީ ގޮތުން ބަލިކުރުމަށް ކަމަށްބުނެ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ވައިގެ ޙަމަލާތައް ދޭންފަށާފައިވަނީ މިދިޔަ މާޗް މަހުގެ 26 ގައެވެ.ސައޫދީގެ ޙަމަލާތަކާއި އެޙަމަލާތަކާގުޅިގެން ޔަމަންގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ބަދަލުކުރެވުނު ޙަމަލާތަކުގައި ނުވަސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ އެތަށް ލައްކަ ބަޔަކު ޙާލުގައިޖެހިފައިވާއިރު ޔަމަނުން ކާބޯތަކެއްޗާއި ބޭސް ހުސްވެ ޔަމަންގެ ރައްޔިތުންވަނީ އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.ވައިގެ ޙަމަލާތައް ހުއްޓާލުމަށް ސައޫދީ ސަރުކާރުން ނިންމާފައިމިވަނީ އެޙަމަލާތަކުގެ ސަބަބުން މަރުވާ ޔަމަންގެ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެޙަމަލާތައް ހުއްޓާލުމަށް އދ. އާއި އެނޫންފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.ސައޫދީންގެ ވައިގެ ޙަމަލާތައް ހުއްޓާލުމުން އީރާނާއި އދ. އާއި އެމެރިކާއިން ވަނީ އެކަމަށް މަރްޙަބާ ކިޔާފައެވެ.އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނާ މަރްޟިއްޔާ އަފްޚަމް ވިދާޅުވީ ޙަމަލާތައް ހުއްޓާލުމަކީ ސައޫދީ ސަރުކާރުން އެޅި ރަނގަނޅު ފިޔަވަޅެއް ކަމަށާ ޔަމަންގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތްކޮށްދިނުމަށް ސައޫދީންގެ ކިބައިން އެދޭކަމަށެވެ.އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރްޖަމާނާއި ވައިޓް ހައުސްގެ ތަރްޖަމާންވެސް ވަނީ ޙަމަލާތައް ހުއްޓާލުމަށް ސައޫދީ ސަރުކާރުން ނިންމި ނިންމުމަށް މަރްޙަބާ ވިދާޅުވެ ބަޔާންތައް ދެއްވާފާ. ޙަމަލާތައް ހުއްޓާލުމާ ގުޅިގެން ސައޫދީ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔަރ އަޙްމަދުލްއުސައިރީ ވިދާޅުވީ އެއްގަމުމަގުން ޔަމަނަށް އަރައި ހަނގުރާމަ ކުރުމުގެ ޕްލޭނެއް ސައޫދީންގެ ނެތްކަމަށާ ނަމަވެސް ޔަމަނުގެ ހޫޘީންނާ ދެކޮޅަށް އަސްކަރީގޮތުން ފިޔަވަޅެއް އަޅަންޖެހިއްޖެނަމަ އެފިވަޅެއް އަޅަން ސައޫދީ ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ.ސައޫދީންގެ ޙަމަލާތައް ހުއްޓާލީ އެގައުމުގައި  ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ އެދިވަޑައިގަތުމުގެ މަތިން ކަމަށްވެސް ސައޫދީ އަސްކަރީ ތަރްޖަމާން ވިދާޅުވިއެވެ.