ތަރައްްޤީ

މާމިގިލި އެއަރޕޯޓު ބިން އިތުރުކުރާކަށް ސަރުކާރުން ހުރަހެއް ނާޅަން - އަސްލަމް


އދ.މާމިގިލި އެއަރޕޯޓަށް ބިން އިތުރުކުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅުއްވާ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އދ.މާމިގިލި އެއަރޕޯޓަށް ބިމެއް އިތުރުކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމަވާފައެވެ. އަދި އެކަމަށް ޕްލޭނިން މިނިސްޓްރީގެ ލަފާ ހޯދުމަށްވެސް މިހާރު ވަނީ ފޮނުވާފައެވެ.
އެކަމާ ގުޅެގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ 2012ވަނަ އަހަރުވެސް އެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭރު ކައުންސިލްގެ ލަފައަކަށް އަހާފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާމިގިލި ކައުންސިލުން އެއަރޕޯޓަށް ބިމެއް އިތުރުކުރުމަށް ނިންމާފައިވުމުގެ ސަބަބުން އެކަމަށް އެ މިނިސްޓްރީގެ ހުރަހެއް ނޯންނާނެކަމަށާއި މިނިސްޓްރީން ނިންމާގޮތް އަންނަ ހަފްތާތެރޭގައި އެރަށު ކައުންސިލަށް އަންގަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކައުންސިލުން ނިންމަވާ ކަންކަމަށް އިޚްތިރާމް ކުރައްވާނެކަމަށްވެސް މިނިސްޓަރ އަސްލަމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މާމިގިލި ކައުންސިލުން ވަނީ އެއާޕޯޓް ފެންސާ އިންވެގެން އޮންނަ 34،228 އަކަފޫޓުގެ ބިމެއް މާމިގިލި އެއާޕޯޓު ހިންގާ ވިލާ ކުންފުންޏަށް ދޭން ނިންމާފައެވެ. އެއާޕޯޓްގެ އިރު ދެކުނު ފަރާތުން އެއާޕޯޓާއި އިންވެގެން އޮތް ބިން އެރއާޕޯޓަށް ބޮޑު ކުރުމަށް ކައުންސިލުން ފާސް ކުރީ އެއްވެސް ކުއްޔަކަށް ނޫންކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

މާމިގިލި ކައުންސިލުން ވިދާޅުވީ ވިލާ ކުންފުންޏަށް އެ ބިން ދޭން ނިންމާފައިވަނީ އެއާޕޯޓު ހިންގުމަށް ސަރުކާރުން ހުއްދަ ދީފައިވާ މުއްދަތަށް ކަމަށެވެ. އެއީ 99 އަހަރަށެވެ.
މާމިގިލީ ބިން ހިއްކައިގެން، ވިލާ ގްރޫޕުން ތަރައްގީކޮށްފައިވާ އެއަރޕޯޓު ހުޅުވައި ޚިދުމަތް ދޭން ފަށާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި، މާމިގިލީ އެއަރޕޯޓް ހުޅުވި ނަމަވެސް، ރައީސް ވަހީދުގެ ވެރިކަމުގައި އެ އެއަރޕޯޓް ވަނީ ބައިނަލްއަގްވާމީ އެއަރޕޯޓަކަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް2017 ވަނަ އަހަރު އެ އެއަރޕޯޓް ޑޮމެސްޓިކް އެއަރޕޯޓަކަށް ވަނީ ބަދަލުކޮށްފައެވެ.