އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ތިލަމާލޭ ބުރިޖުގެ މަސައްކަތުން ހާމަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއާއި ވިލިމާލެ ގުޅުވާލަދޭ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، ބުރިޖުގައި ކުރިއަށްގެންދިޔަ ހިންގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ އިސްކަމެއްދިނީ، މި މަޝްރޫއުތަކުގެ ދުވެލި އަވަސް ކުރުމަށްކަން ފާހަގަކުރައްވާ މިހާތަނަށް ނިންމާލެވުނު މަޝްރޫއުތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
"އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރިން. އެގޮތަށް ހަމަ ހުއްޓިފައިވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް މިވަނީ ނިންމާލެވިފައި. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތާއި، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައްވެސް އެބަ ހިމެނޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރު ވެރިކަމާ ހަވާލުވީއިރު ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ދިއައީ އެހާ ބާރު ދުވެއްޔެއްގައި ނޫން ކަމަށެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރާއި ގުޅިގެން މި މަޝްރޫއުގެ ދުވެލި އަވަސްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރި ކަމަށާއި، މިކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި، ސަފީރަށާއި އަދި ބިނާރާބެހޭ ވަޒީރަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫއުގެ ކޮންޓްރެކްޓަރ އެފްކޮންސްއިން މިވަގުތުވެސް މި ބުރިޖުގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދާ ކަމަށާއި، މިހާރު ބުރިޖު އެއްކޮށް ގުޅާލެވިފައިވާ ކަމަށެވެ. އަދި އަމާޒަކީ، އަހަރެއްހާ ދުވަހުގެ ތެރޭގައި ބުރިޖުގެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާއި ދެމެދު އޮންނަ ޒަމާންވީ ގުޅުމަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިންޑިއާއަކީ، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް މުހިންމު ބައިވެރިއެއް ކަމަށާއި، ތިލަމާލެ ބުރިޖަކީވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.