ތިމާވެށި

ލ.އަތޮޅުގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ފޯރަމް ފަށައިފި


ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ހުރިހާ އެޖެންސީތައް ގުޅިގެން މިދިޔައަހަރު
ހައްދުންމަތީގައި ފަށާފައިވާ ލޯއެމިޝަން ކްލައިމެޓް ރެސިލިއަންޓް ޑިވެލޮޕްމެންޓް
(ލެކްރެޑް) ޕްރޮގްރާމްގެ ދަށުން ބާއްވާ ލ.އަތޮޅުގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ
ފޯރަމް ފަށައިފިއެވެ.



ޑެންމާކް ސަރުކާރުގެ އެހީތެރިކަމާއެކު މިދިޔަ އަހަރު ލ.އަތޮޅުގައި ފަށާފައިވާ
ލެކްރެޑް ޕްރޮގްރާމުގެ ދަށުން ހައްދުންމައްޗަކީ މޫސުމަށް އަންނަ ބަދަލުތަކުން
ލިބިދާނެ ގެއްލުންތަކަށް ތައްޔާރުވެފައިވާ، އަދި
ތިމާވެއްޓަށް ކުރާ ނޭދެވާ އަސަރު ކުޑަވާނެގޮތަށް ދިރިއުޅުމުގެ ކަންކަން
ބައްޓަންކޮށްފައިވާ ބަޔަކު ދިރިއުޅޭ އަތޮޅަކަށް ހެދުމަށްޓަކާ އެކިދާއިރާތަކުން
އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ޖުމްލަ ނުވަ މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ
ކަނޑައެޅިފައިވާ މި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ، ފަންނީ
ބޭފުޅުންނާއި، ލ.އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވާ



ލ.އަތޮޅުގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠޯރިގު އިބްރާހިމް ވިދާޅުވީ ލެކްރެޑް
ޕްރޮގްރާމްގެ ދަށުން ލ.އަތޮޅުގެ އެކިރަށްރަށުގައި ވޯކިންގ ގްރޫޕްތަކެއް ހަދައިގެން
މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެރަށްރަށުގައި ހުރި މައްސަލަތައް
ފާހަގަކުރެވިފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ލެކްރެޑް ޕްރޮގްރާމްގެ ދަށުން
މިހާރު ހޫނު މޫސުމުގައި ލ. އަތޮޅުގރ ރަށްތަކަށް ދިމާވާ ބޯފެނަށް ޖެހުންފަދަ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ މައްސަލަތަކަށް ހައްލު
ލިބިގެންދާނެކަމަށެވެ.



އދގެ ރެސިޑެންޓް ކޯޑިނޭޓަރ ސޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި ލެކްރެޑް
ޕްރޮގްރާމްގެ ދަށުން ރަށުގެ ތަރައްޤީއަށް މިދާއިރާއިން ކުރާނެ އުފެއްދުންތެރި
ކަންކަން ރާވާ ހިންގުމަށް ފުރުޞަތު ލ.އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާ
ޖަމްޢިއްޔާ ޖަމާއަތްތަކަށް ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ.



ލެކްރެޑް ޕްރޮގްރާމްގެ ދަށުން ލ.އަތޮޅުގައި ކަންކަން ކުރެވޭނެ ދާއިރާތަކުގެ
ތެރޭގައި ކުނި މެނޭޖްކުރުމާއި ފެން ރައްކާތެރިކުރުމުގެ މަޝްރޫއުތައް ހިންގުމާއި
އާންމު ޞިއްހަތާއި ކާރިސާތަކުން ލިބިދޭ ގެއްލުން ކުޑަކުރުމާއި، ހަކަތައާ
ދެމެހެއްޓެނިވި ދަނޑުވެރިކަންފަދަ ދާއިރާތައް ހިމެނެއެވެ.



އިއްޔެގެ މި
ފޯރަމަށްފަހު އެންވަޔަރަމެންޓް މިނިސްޓަރާއި ޔޫއެންގެ ރެޕްރެޒެންޓޭޓިވްއާއި އަތޮޅު
ކައުންސިލްގެ ރައީސް ވަނީ ލ އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރޭގައި ހިންގި ގަސްއިންދުމުގެ
ހަރަކާތެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.