ތިމާވެށި

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު މާލޭ ސިޓީގައި 54 އެކްސިޑެންޓު، 20 މީހަކަށް އެކިވަރުގެ އަނިޔާ


ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު އެކަނިވެސް މާލޭ ސިޓީގައި 54 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިމަހުގެ 11 އިން 17 އަށް ފުލުހުން ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަކުރުމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 54 އެކްސިޑެންޓުވެފައިވާއިރު މި އެކްސިޑެންޓުތަކުގައި 20 މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.

އެކްސިޑެންޓުތަކުގެ އިތުރުން ބާރު ސްޕީޑްގައި ވެހިކަލް ދުއްވި 13 މައްސަލައަކާއި ޓްރެފިކް ނިޝާންތަކަށް ނުބަލައި އެއްގަމު އުޅަނދު ދުއްވި 8 މައްސަލައެއް ފާހަގަ ކުރެވިފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވުމުގެ ދެ މައްސަލަ ފާހަގަ ކުރެވިފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި 502 އެއްގަމު އުޅަނދު ޗެކް ކޮށްފައިވާއިރު އެންމެ ބޮޑަށް ފާހަގަވި ކަމަކީ ލައިސަންސް ނެތި ޤާނޫނާއި ޚިލާފަށް ވެހިކަލް ދުއްވުމުގެ މައްސަލަ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އެގޮތުން ލައިސަންސް ނެތި ވެހިކަލް ދުއްވި 89 މައްސަލައެއް ފާހަގަ ކުރެވުނު ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް

ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު އަތުގައި ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވި 47 ފަރާތަކާއި ވެހިކަލް އިންޝްއަރެންސާ ގުޅުންހުރި 18 އުޅަނދެއްގެ މައްސަލަ ފާހަގަކުރެވިފައިވެއެވެ. އަދި އަހަރީފީ ނުދައްކާ 25 އެއްގަމު އުޅަނދު ހުއްޓުވާފައިވާއިރު ރޯޑްވާދީނަސް ނެތި ދުއްވި 19 ވެހިކަލެއްވެސް ފާހަގަ ކުރެވިފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 12 ކާރާއި 16 ސައިކަލް ހިމެނޭ ގޮތަށް ޖުމްލަ 28 އުޅަނދު ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.