ތަރައްްޤީ

ބަސް ސްޓޮޕްތައް ތަރައްޤީ ކުރަނީ ރައްޔިތުންގެ ޚިޔާލާއި އެކު - އެޗްޑީސީ


ހުޅުމާލޭގައި ތަރައްޤީ ކުރާ ބަސް ސްޓޮޕްތައް ތަރައްޤީ ކުރަނީ ޢާއްމުންގެ ޚިޔާލާއި އެއްގޮތަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ހުޅުމާލޭގައި ތަރައްޤީ ކުރަ ބަސް ސްޓޮޕްތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ ޒަމަނީ ފެންވަރަކަށް ސާދަ ބަސް ސްޓޮޕެއް ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށާއި މިހާރު އޭގެތެރެއިން ފަސް ބަސް ސްޓޮޕެއްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބާކީ ނުވަ ބަސް ސްޓޮޕްގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާޅޭގައި އަލަށް ތަރައްޤީ ކުރާ ބަސްސޮޓްޕްތަކުގެ ތެރެއިން، ކޮންމެ ބަސް ސްޓޮޕެއްގެ ދުރުމިނުގައި އެއް ބަސްސްޓޮޕުން އަނެއް ބަސް ސްޓޮޕަށް ހިނގާލާފައި ޖުމްލަ ތިން މިނެޓުން ދެވޭނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވިދާޅުވީ އަލަށް ހަދާ ބަސް ސްޓޮޕްތައް ހަދަނީ ރައްޔިތުންގެ ޝަކުވާތަކަށް ރިޢާޔަތް ކުރުމަށްފަހު ކަމަށެވެ.

ހުޅުމާލޭގެ ބަސްސްޓޮޕްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާއިރު މިހާރު ހުޅުމާލޭގައިހުރި ބަސް ސްޓޮޕްތަކަކީ ޖާގައިގެގޮތުން ކުޑަ، ފަސޭހައިން އިށީދެގެން ތިބޭނެ އިންތިޒާމު ހަމަޖައްސާފައިނުވާ ތަންތަނެވެ. މިހާރުހުރި ބަސްޓޮޕްތަކަކީ އެތަނުގައި ތިބޭ މީހުންނަށް ހިޔާވެވޭނެ މާބޮޑު އިންތިޒާމެއް ހަމަޖެހިފައިވާ ތަންތަނެއްވެސް ނޫނެވެ.

އެޗްޑީސީން ވިދާޅުވީ އަލަށް ތަރައްޤީ ކުރާ މި ބަސް ސްޓޮޕްތައް ރަނގަޅަށް ހިޔާ ކުރެވިފައި ހުންނާނެ ކަމަށެވެ. މީގެ އިތުރުން މި ބަސް ސްޓޮޕްތަކުގައި ސޯލާރޕަވާރ އާއި އެޑްވަރޓައިޒްމެންޓް ޑިސްޕުލޭ ފަދަ ގްރީން އަދި ސްމާރޓް ފިއުޗާރސް ހިމެނިފައި ހުންނާނެ ކަމަށެވެ. އަދި ބަހަށް އިންތިޒާރުކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި ބަސްސްޓޮޕްތަކުގައި ބަސްރޫޓާއި ބަސް އަންނަ ވަގުތުތަށް އިނގޭނެހެން ލިޔެކިޔުންތަށްވެސް ހަރުކުރެވޭކަމަށް ވެސް އެޗްޑީސީ އިން މަޢުލޫމާތުދެއްވައެވެ.