ކުޅިވަރު

މިސީޒަނަށްފަހު އެލެގްރީ ކޯޗުކަމުގައި ނުހުންނާނެ - ޔުވެންޓާސް


ޔުވެންޓަސްގެ ކޯޗުކަމުގައި މި ސީޒަނަށްފަހު މަސިމިލިއަނޯ އެލެގްރީ ނުހުންނާނެކަމަށް އެކުލަބުން ބުނެފިއެވެ.

ޔުވެންޓަސްއަށް މިދިޔަ ފަސް ސީޒަންގައި އިރުޝާދުދިން ކޯޗު ކުލަބާއި ވަކިވަނީ އެކުލަބަށް 11 ތަށި ހޯދައިދީފައެވެ. ފަސް ފަހަރުވެސް ލީގު ޔުވެންޓަސްއިން އުފުލާލިއިރު، ކޮޕާ އިޓާލިއާ ހަތަރުފަހަރު އަދި ސުޕަ ކޮޕާ ދެ ފަހަރު އޭނާ ޔުވެންޓަސްއަށް ހޯދައިދިނެވެ.

އެލެގްރީ ބުނީ ފަސް އަހަރުވަންދެން ވަރުގަދަ ޔުވެންޓަސްއެއް ބިނާ ކުރެވިއްޖެކަމަށާއި، ދެން އަންނަ ކޯޗަކަށް ކުރަންޖެހޭނެ މަސައްކަތް ކުޑަވާނެކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މިވަގުތު ހުރީ ޔުވެންޓަސްގައިކަމަށާއި، އެއީވެސް ދެން އަންނަ ކޯޗަކަށް ލިބޭނެ ހިތްހަމަޖެހުމެއްކަމަށް އެލެގްރީ ބުންޏެވެ.

އެލެގްރީ ކޯޗުކަމުން ވަކުވާކަން އިއުލާންކުރުމާއިއެކު އޭނާގެ ބަދަލުގައި އެމަގާމު ހަވާލްކުރާނެ ކޯޗެއްގެ ބަހުސްވަނީ ބޮޑުވެފައެވެ. މިވަގުތު ހުސްކޮށްތިބި ކޯޗުންނަށް ބަލާއިރު ހޯސޭ މޮރީނިއޯ އެ މަގާމަށް އައުމަކީވެސް ގާތްކަމެއްކަމަށް ބެލެވެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސްއިން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއެވެ.