ކުޅިވަރު

ކެޓެލޯނިއާގެ ޝަރަފްވެރި އެވޯޑެއް މެސީއަށް


ސްޕެއިންގެ ކެޓެލޯނިއާއިން ބާސެލޯނާގެ ފޯވާޑް ލަޔަނަލް މެސީއަށް ޚާއްސަ އެވޯޑެއްދީފިއެވެ.

ކެޓަލޯނިއާއަށް އެކި އެކި ގޮތްގޮތުން ޚިދުމަތްކޮށްދޭ ފަރާތްތަކަށްދޭ "ކްރޫ ޑެ ސަން ޔޯޑީ" އެވޯޑް މެސީއަށްދިންއިރު މިއީ ކެޓެލޯނިއާއިންދޭ ދެވަނައަށް އެންމެ ޝަފަރްވެރި އިނާމެވެ.

މެސީއަށް މި އެވޯޑްދިނީ ކެޓެލޯނިޔާއަށް ނިސްބަތްވާ ބާސެލޯނާއާއިއެކު އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. މިހާތަނަށް ކުލަބުގެ ތާރީޚުގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާކީ މެސީއެވެ.

އެކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑުގެ އިތުރުން އެންމެ ގިނަ މެޗުން މޮޅުވި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަނީ މެސީގެ އަތުގައެވެ. އަދި އެކުލަބަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅުދިން ކުޅުންތެރިޔަކީވެސް މެސީއެވެ.

މެސީއަކީ މި އެވޯޑް ލިބުނު ބާސެލޯނާގެ ދެވަނަ ކުޅުންތެރިޔާއެވެ. ބާސެލޯނާގެ ކުރީގެ ފޯވާޑް އަދި ކޯޗު ޔޯހަން ކްރައިފަށްވެސް މި އެވޯޑްވަނީ މީގެ ކުރިން ލިބިފައެވެ.