ޚަބަރު

ސިސިލްފަރު މައްސަލަ ހައްލުނުވެ ޝަރީޢަތަށް


ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނީ އުސޫލުން ބޭރުންކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ސިސިލްފަރު ހައްޖު ގްރޫޕުން ދައުވާކުރި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުންވެސް ހައްލުނުވެ ޝަރީއަތަށްދާން ނިންމައިފިއެވެ.

ސިސިލްފަރަކީ ރާއްޖެއިން ހައްޖަށާއި އުމްރާއަށް މީހުން ގެންދާތާ ގިނަ ދުވަސްވެފައިވާ ގްރޫޕެކެވެ. ޢެގުރޫޕުން ދައުވާ ކުރި މައްސަލާގައިވަނީ ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިންގޮތާ ޚިލާފަށް ކަމަށެވެ. ސިސިލްފަރުން ހުށައެޅި މައްސަލާގައި އެދިފައިވަނި އިސްލާމިކް މިނިސްޓްރީންގެ ނިންމުން ބާތިލުކޮށް ދިނުމަށެވެ. މިމައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން މެދުވެރިކޮށް ޝަރީއަތުން ބޭރުން ދެފަރާތުން ވާހަކަދައްކައިގެން ހައްލުކުރުމަށް ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ 5 ޖަމާއަތަކަށެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ މަޢުލުމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު ޢަލީ ވިދަޅުވީ، ހުއްދަދިން ކުންފުނިތަކުން މިނިސްޓްރީއާއެކު އެއްބަސްވެފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާނަމަ ޤާނުނީ ގޮތުން ފިޔަވަޅު އަޅާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިފަހަރު ޙައްޖައް މީހުން ގެންދިއުމުގެ އުސޫލްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އޮޅުވާލައިގެން ފައިސާ ނެގުން ހުއްޓުވުމާއި، ކުންފުނިތައް ކަނޑައެޅުމުގައި ދެފުށް ފެންނަ އުސޫލަކުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީންވަނީ ޙައްޖުގެ ކަންކަން އިވަލުއޭޓްކުރާ ކޮމިޓީއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެހެން އަހަރު ތަކުގައި ޙައްޖުގެ ކަންކަން އިވެލުއޭޓް ކުރަނީ އިސްލާމިކް މިނިސްޓަރ އެކުލަވާލާ ކޮމެޓީއަކުން ނަމަވެސް، މިއަހަރު އެކުލަވާލާފައިވާ 5 މެންބަރުންގެ ކޮމިޓީ އެކުލަވާލާފައިވަނީ ކަމާ ގުޅުންހުރި އިދާރަތަކުން މީހުން ހިމެނޭހެންނެވެ.

ކޮމިޓީގައި ހިމެނެނި ފިނޭންސް، އޭޖީ އަދި އިކޮނޮމިކް މިނިސްޓްރީން ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރިގެ 2 ބޭފުޅުންނެވެ.