ޚަބަރު

ހައި އެޗީވަރސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ދަރިވަރުންނަށް އެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގެ މަތީ ސާނަވީ އިމްތިހާން 2018 ވަނަ އަހަރުގެ ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން މަދުވެގެން "ފަސް އޭ " ފާސް ހޯދާފައިވާ ދަރިވަރުންނަށް މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނެކަމަށެވެ. އަދި މީގެ ތެރޭގައި އިސްލާމް އާއި ދިވެހި ހިމެނެން ޖެހޭނެކަމަށާއި މި ފާސްތަކުގެ އިތުރުން އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިނގިރޭސި ފާހެއްވެސް އޮންނަންވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއާއި ސާރކްގެ އެހެނިހެން ޤައުމުތަކާއި މެލޭޝިޔާއާއި ތައިލެންޑުގައެވެ. އަދި ފިލިޕީންސްއާއި ޗައިނާގެ އިތުރުން އޯއީސީޑީ ޤައުމުތަކުންވެސް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ހައިއެޗްވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ޤައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.