ޚަބަރު

އިންޓަރނެޓް ބޭނުންކޮށްގެން ކުރާ މުޢާމަލާތްތައް ރައްކާތެރިކުރުމަށް "އީ ޓްރާންސެކްޝަން" ޤާނޫނެއް އެކުލަވާލަނީ


ރާއްޖޭގައި އިންޓަރނެޓް ބޭނުންކޮށްގެން ކުރާ މުޢަމަލާތްތަކަކީ ރައްކާތެރި މުޢާމަލާތްތަކަކަށް ހެދުމަށް "އީ ޓްރާންސެކްޝަން" ޤާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ވިދާޅުވެއްޖެއެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއިން "އީ ޓްރާންސެކްޝަން" ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މިނިސްޓްރީއިންވަނީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށްޓަކައި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަންސަރު ވިދާޅުވީ، އެ މިނިސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ އިދާރާއަށް އެކަށޭނަ ޤާނޫނީ ބާރުވެރިކަމެއް ނެތުންކަމަށެވެ.

މި މައްސަލަ ހައްލުކުރުމައްޓަކައި ކުރިއަށްއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ގިނަ ޤާނޫނުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަން އަންސަރު ފާހަގަކުރެއްވިއެވެ. އެގޮތުން މި ޤާނޫނީ އޮނިގަނޑުގެ ދަށުން އެންމެ ފުރަތަމަ ރާއްޖޭގައި އިންޓަރނެޓް ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތަކަކީ ރައްކާތެރި މުޢާމަލާތްތަކަކަށް ހެދުމަށް "އީ ޓްރާންސެކްޝަން" ޤާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ އެހީއާއެކު މި މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަން ހާމަކުރައްވާ ޑެޕިއުޓީ މިނިސްޓަރ އަންސަރު ވިދާޅުވީ، ކުރިއަށްއޮތްތަނުގައި މިނިސްޓްރީގެ ޤާނޫނީ އޮނިގަނޑު ބާރުވެރިކުރުމައްޓަކައި، ޑޭޓާ ޕްރޮޓެކްޝަން ޤާނޫނާއި، ސައިބަރ ސެކިއުރިޓީ ޤާނޫނެއްވެސް އެކުލަވާލުމަށް ނިންމަވާފައިވާކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އަންނަ 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ރާއްޖޭގައި އިންޓަނެޓް ބޭނުންކޮށްގެން ކުރެވޭ މުޢަމަލާތްތަކަކީ ރައްކާތެރި މުޢާމަލާތްތަކަކަށް ހެދުމަށް "އީ ޓްރާންސެކްޝަން" ބިލެއް ލުމަށް މަސައްކަތްކުރަމުން. އިކޮނޮމިކް މިނިސްޓްރީގެ މަދަދާއިއެކު މި މަސައްކަތުގެ ދަށުން ކުރިއަށް އޮތްތަނުގައި ޑޭޓާ ޕްރޮޓެކްޝަން ޤާނޫނާއި، ސައިބަރ ސެކިއުރިޓީ ޤާނޫނެއްވެސް އެކުލަވާލުމަށް ނިންމާފައިވޭ. މިއީ ފުރަތަމަ ފައުންޑޭޝަން ސްޓެޕް." ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަންސަރު ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ އަންސަރު ވިދާޅުވީ، ކޮމިއުނިކޭޝަން މިނިސްޓްރީގެ މަޤްޞަދަކީ އަލަށް އުފައްދާ މި ޤާނޫނުތަކާއެކު، ރާއްޖޭގެ ނެޝަނަލް ސިންގަލް ވިންޑޯ ބެލެހެއްޓުމުގައި ޤާނޫނީ ބާރުވެރިކަން ހޯދުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އީ ކޮމާސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި ވެލިޑޭޓްވެގެންދާނެކަމަށާއި، މީގެ ސަބަބުން ހުޅުވާލެވިފައިވާ އިޤްތިޞާދަކަށް ދިވެހިރާއްޖެ ކުރަމުންދާ މަސައްކަތައް އަވަސް ކުރިއެރުންތަކެއްވެސް އަންނާނެކަމަށް އަންސަރު ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ ނެޝަނަލް ސިންގަލް ވިންޑޯ ބެލެހެއްޓުމުގައި ޤާނޫނީ ބާރުވެރިކަން ލިބިގެން ދާނެ. އެގޮތުން މިކަމުގެ ސަބަބުން އީ ކޮމާސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި ވެލިޑޭޓްވެގެންދާނެ." ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަންސަރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓަރނެޓް ބޭނުންކޮށްގެން ކުރެވޭ މުޢަމަލާތްތަކަކީ ރައްކާތެރި މުޢާމަލާތްތަކަކަށް ހެދުމަށް "އީ ޓްރާންސެކްޝަން" ޤާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވާފައިވާއިރު، ރާއްޖޭގައި ސައިބަރ ބުލީއިން ކުޑަކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއިންވަނީ ހާމަކުރައްވައެވެ.