ޚަބަރު

އައިޖީއެމްއެޗުގެ ފިނިކުރާ ނިޒާމު އިންސްޓޯލް ކުރަންފަށައިފި

އައިޖީއެމްއެޗުގެ ފިނިކުރާ މައި ނިޒާމަށް ދިމާވި މައްސަލަ ޙައްލުކުރުމަށް އައު ސިސްޓަމެއް އިންސްޓޯލް ކުރުމުގެ މަސައްކަތްކުރަމުންދަކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުގެ މީޑިއާ ހެޑް މުޙައްމަދު މުފީދު ވިދާޅުވީ ފިނިކުރާ ނިޒާމު އިންސްޓޯލްކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މި ސިސްޓަމް އިންސްޓޯލްކޮށް ނިމުމުން ސެންޓްރަލް ސިސްޓަމު މެދުވެރިކޮށް ފިނިކުރާ އެކި ޑިޕާޓްމަންޓުތަކުގައި ދިމާވެގެން އުޅޭ ހޫނުވުމުގެ މައްސަލަ ޙައްލުވާނެކަމަށް އޭނާ ވިދަޅުވިއެވެ. އަދި އަމާޒަކީ ރަމަޟާންމަސް ނިމުމުގެ ކުރިން މިމަސައްކަތް ނިންމުންކަމުގައި އޭނާ ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ފިނިކުރާ މައި ސިސްޓަމް ނުވަތަ ސެންޓްރަލް ކޫލިންގ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ހޮސްޕިޓަލުގެ އެކިޑިޕާޓްމަންޓްތައް ހޫނުވެ ޚިދުމަތް ހޯދުމަށް ދާ ފަރާތްތަކުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި އައިސީޔޫގައި އަމިއްލަ ފަރާތްތަކުން ސްޓޭންޑް ފަންކާތައް ބޭނުންކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް މީގެ ދުވަސްތަކެއްކުރިންވަނީ ސޯޝަލް މީޑިއާގައި ޢާއްމުވެފައެވެ.