ސިޔާސީ

އިސްތިއުނާފް ކޮށްފައިވަނީ ޔާމީން ބަންދުން ދޫކޮށްލުމާއި އެކައުންޓްތައް ދޫކޮށްލި މައްސަލަ - ޕީޖީ


ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރެއްވީ ޔާމީންގެ އެކައުންޓްގައި ހުރި ފައިސާތައް ދޫކޮށްލުމަށް ހައިކޯޓުންކުރި ޢަމުރުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ޢާއިޝަތު ބިޝާމް ވިދާޅުވީ، މިމައްސަލާގައި ޕީޖީއަށް ޤާނޫނީ ގޮތުން ފާހަގަކުރެއްވޭ ކަންކަމާއެކު ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާނެކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށް ޔާމީނުގެމައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދަޢުވާއާ ގުޅިގެން، ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރިއެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ އެކައުންޓް ފްރީޒްކުރި އަމުރާއި ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރި އަމުރުވެސް ބާޠިލްކޮށްފައެވެ.

ފްރީޒްކޮށްފައިވާ އެކައުންޓްތައް ދޫކޮށްލުމަށް ހައިކޯޓުން ކުރި ޢަމަރު ޕީޖީން ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރައްވާފައވާއިރު އެމައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ސުޕްރީމް ކޯޓްގައި ވަނީ ތާވަލުކޮށްފައެވެ. އެމައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

ޝަރީއަތް ނިމެންދެން ޔާމީން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރިން ކުރިއަމުރު ހައިކޯޓުން ބާޠިލްކޮށް ޔާމީން ދޫކޮށްލެވި މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓްގައި އިލްތިމާސްކުރައްވާފައިވާކަމަށްވެސް ބިޝާމް ވިދާޅުވިއެވެ. ނަމަވެސް އެމައްސަލައިގެ ޝަރީޢަތް ތާވަލުކުރާނެ ވަގުތެއް އެނގިވަޑައިނުގަންނަވާކަމަށް ޕީޖީ ބިސާމް ވިދާޅުވިއެވެ.

"އަސްލު މަނީލޯންޑަރިންގެ މައްސަލަ އެއޮތީ ކްރިމިނަލް ކޯޓްގައި. އިތުރު ހިޔަރިންގއަކަށް ނެތް ޝެޑިއުލްކުރައްވާފައެއް. މާދަމާ އޮތް މައްސަލައަކީ އެކައުންޓްތައް ފްރިޒްކުރުމާ ގުޅިގެން އަޅުގަނޑުމެން ކްރިމިނަލް ކޯޓުން އެއިރު ހޯދި ޢަމުރު އެބޭފުޅުން އިސްތިއުނާފްކުރެއްވީ ހައިކޯޓްގައި. އިސްތިއުނާފްކުރެއްވީމަ ބައްލަވާފަ ފައިސާ ނުހިފެއްޓޭނެކަމަށް ނިންމެވި ނިންމެވުން އެ އޮތީ އިލްތިމާސްކޮށްފައި"

އެމްއެމްޕީއާރުސީގެ ޚިނާޔާތުގެ ފައިސާ ނަގައި އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެފައިސާ ދެއްވުމަށް އިންކާރުކުރައްވައި އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުރާފުވެޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެފައިސާ ދައުރުކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ވަނީ މަނީ ލޯންޑަރިންގެ ޢަމަލު ހިންގަވާފައިކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.