ޚަބަރު

މާލޭގައި ބާއްވަމުންދާ މުޒާހަރާތައް އިންތިޒާމްކުރާ ފަރާތެއް ނޭނގޭ-


ކޮންމެ ރެއަކު މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް އިންތިޒާމް ކުރާ ފަރާތެއް އަދި ޒިންމާ ވާ ފަރާތެއް ނޭނގޭ ކަމަށާއި އެފަދަ ހަރަކާތްތަށް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުންގެ މާލޭ އޭރިޔާ ކޮމާންޑްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މާލޭ އޭރިޔާ ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެހަރަކާތްތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އެކު ކުރެވުނު މަޝްވަރާއިން ބައެއް ޕާޓީތަކުން އެ ހަރަކާތުގައި ރަސްމީކޮއް ބައިވެރި ނުވާކަމަށް މަޢުލޫމާތު ދީފައި ވާކަމަށެވެ. އަދި އެ ފަދަ އެއްވުންތަކަށް ގޮވަމުން ގެންދާއިރުވެސް އެއީ ކޮންފަރާތަކުން އިންތިޒާމް ކުރާ ކަމެއްކަން އެނގެން ނޯންނަ ކަމަށާއި އެފަދަ ގޮތަކަށް އަޑުގަދަ ކުރާ ބޭނުންކޮއްގެން މާލެތެރޭގައި ދުއްވާނަމަ، އެދުއްވާ ތަކެތި ހުއްޓުވާ ޑްރައިވަރާ ސުވާލު ކުރާނެކަމަށް ނަވީން ވިދާޅުވިއެވެ. އަދި މުޒާހަރާއެއް ނުވަތަ އެއްވުމެއް ކުރިއަށް ގެންދިޔަ ނަމަވެސް އެކަމެއް އިންތިޒާމް ކުރާ ފަރާތެއް ނުވަތަ ޒިންމާވާނެ ފަރާތެއް ހުންނަން ޖެހޭނެ ކަމަށް ނަވީން ވިދާޅުވިއެވެ.ނަވީން ވިދާޅުވީ އެއްވުން ތަކާއި މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި މަގުތަށް ބަންދުކޮށް އާންމުން ނަށް އުނދަގޫ ވާފަދަ ގޮތަކަށް ޢަމަލު ކުރާނަމަ ފުލުހުން އެ އެއްވުމެއް ރޫޅާލަމުން ގެންދާކަމަށެވެ.ފުލުހުން މިހެން ބުނެފައި ވާއިރު ސަރުކާރާއި އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން ގެންދަނީ އަންނަ މޭމަހުގެ އެއްވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށާއި އެކަމަށް ރާއްޖެތެރެއިން މީހުން މާލެއަންނާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ނަވީން ވިދާޅުވީ އެފަދަ ކަމަކަށް މާލެއަންނަ ފަރާތްތައްވެސް އާންމުންނަށް އުނދަގޫ ނުވާނެހެން ޢަމަލުތައް ބޭހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.