ޚަބަރު

މިނިވަން 50ގައި އެމްއެންޑީއެފްގެ ފުލް ފްލީޓް ދައްކާލަނީ


މިނިވަން ފަންސާހުގެ ރަސްމީ ހަރަކާތްތަކުގައި އެމްއެންޑީއެފްގެ ފުލް ފްލީޓް އާންމުންނަށް ދައްކާލުމަށް ނިންމައިފިއެވެ.މިނިވަން ދުވަހާ ގުޅުވައިގެން ސަރުކާރުން ރާވާފައިވާ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިނިވަން ފަންސާހުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަރްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ހާނިމް ވިދާޅުވީ، މިނިވަން ފަންސާހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފްގެ ބަރު ހަތިޔާރާއި، ރާއްޖޭގައި ހުރި ވެހިކަލް ތަކާއެކު، އެމްއެންޑީއެފްގެ ފުލް ފްލީޓް ދައްކާލާނެ ކަމަށެވެ. އަދި އެންއެންޑީއެފް އާއި ފުލުހުންނާއި، ރާއްޖޭގެ ހުރިހާ ސްކޫލަކުން ދަރިވަރުން ބައިވެރިކޮށްގެން ވެސް އިވެންޓަކަށް ތައްޔާރުވަމުންދާކަމަށް ހާނިމް ވިދާޅުވިއެވެ.ހާނިމް ވިދާޅުވީ، ރަސްމީ ހަރަކާތުގެ ތެރެއިން  ފުޅަނދު ބުރުގައިވެސް، މިނިވަން ފަންސާހާ ގުޅުވައިގެން ފަންސާސް ފުޅަނދު ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެމްއެންޑިއެފްއާއި، ފުލުހުންނާއި ސްކޫލްތައް ގުޅިގެން ބޮޑު އެއް ހަރަކާތް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ހާނިމް ވިދާޅުވިއެވެ.މިނިވަން ފަންސާހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ މާފަންނު ސްޓޭޑިއަމް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް މިނިވަން ފަންސާހުގެ އޮފީހުން މައުލޫމާތުދެއެވެ.މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގައެވެ.