ޚަބަރު

ރާއްޖޭގެ އިންޓެލިޖެންސް ނިޒާމު ވަރުގަދަކުރުމާ ގުޅޭގޮތުން ރޫމޭނިއާގެ ސަރުކާރާއެކު މަޝްވަރާކޮށްފި


ޓެރަރިޒަމާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގެ އިންޓެލިޖެންސް ނިޒާމު ވަރުގަދަކުރުމާ ގުޅޭގޮތުން ރުމޭނިއާގެ ސަރުކާރުގެ އިސްފަރާތްތަކާއެކު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިިފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މި މަޝްވަރާކުރައްވައިފައިވަނީ، އެމަނިކުފާނު ރޫމޭނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ އިންޓެލިޖެންސް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ކްރިސްޓިއަން ބިޒާދީގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދުވަނީ ރާއްޖެއަކީ ހައްދުފަނައަޅާ ދިއުމާއި ޓެރަރިޒަމްއަށް އެއްވެސް ފުރުޞަތެ ނުދޭނެ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށް ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައިވަނީ ރާއްޖެއާއި ރުމޭނިޔާގުޅިގެން ޓެރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިންޓެލިޖެންސް ނިޒާމާއި ދިފާޢީ ކަންކަން ވަރުގަދަކުރުމަށް ރުމޭނިއާއިން އެހީތެރިކަންފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރޫމޭނީއާގެ އިންޓެލިޖެންސް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ވަނީ ދެއްވާފައެވެ.

ފޮރިން މިނިސްޓަރ ރުމޭނީއާގެ އިންޓެލިޖެންސް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރއާއި ބައްދަލުކުރައްވާފައިވާއިރު، އެމަނިކުފާނުވަނީ އެޤައުމުގެ ޑިޕްލޮމެޓިކް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑޭން ޕީޓަރއާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް، ފޮސިމްއާއި ޑިޕްލޮމެޓިކް އިންސްޓިޓިއުޓުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ދެ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްއޮތްތަނުގައި ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ރުމޭނިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުވަނީ ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކޮށް، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ވުޒާރާތަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭ އެއްބަސްވުމެއްގައި ސޮއިވެސް ކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރ ޝާހިދުވަނީ ރުމޭނިއާގެ މުސްލިމް ކޮމިއުނިޓީގެ ހެޑުގެ ދަޢުވަތަކަށް ބުކަރެސްޓްގެ ހަންޗެއަރ ކާރޯލް މިސްކިތެއްގައި ބޭއްވި ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ބައްދަލުވުމުގައި އެމަނިކުފާނުވަނީ އެ މިސްކިތަށް ރޯދަވީއްލަން އައިސްތިބި މުސްލިމުންނާވެސް ބައްދަލުކުރައްވާފައެވެ.

އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރުފުރޭނެއެވެ.