ޚަބަރު

ކެރިއަރުގައި އެންމެ އުނދަގުލުން ހޯދި ތައްޓަކީ މިއަހަރުގެ ޕްރިމިއަރ ލީގު - ގާޑިއޯލާ



ކޯޗިން ކެރިއަރުގައި އެންމެ އުނދަގުލުން ހޯދި ތައްޓަކީ މިއަހަރުގެ ޕްރިމިއަރ ލީގު ތަށިކަމަށް ޗެމްޕިއަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެންޗެސްޓަރ ސިޓީންވަނީ ވާދަވެރި ލިވަޕޫލް ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ދިފާއުކޮށްފައެވެ. 98 ޕޮއިންޓާއިއެކު ސިޓީން ލީގުގެ އެއްވަނަ ހޯދިއިރު، ލީގުގައި އެންމެ މެޗަކުން ބަލިވި ލިވަޕޫލް އޮތީ 97 ޕޮއިންޓާއިއެކު ތާވަލްގެ ދެވަނައިގައެވެ.

ސިޓީންވަނީ އެންމެ ފަހު މެޗާއިއެކު ލީގުގައި ޖެހިޖެހިގެން ސާދަ މެޗު ކާމިޔާބުކޮށް ލީގުގެ ރެކޯޑެއްވެސް ހަދާފައެވެ. މިއީ ގާޑިއޯލާގެ ކެރިއަރުގައި އޭނާ ކޯޗުކަންކުރި 10 ސީޒަންގައި ކާމިޔާބުކުރި އަށްވަނަ ލީގު ތަށްޓެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު ޕެޕް ގާޑިއޯލާ ބުނީ މިއީ ހުރިހާ ގޮތަކުން ބެލިޔަސް އެންމެ އުނދަގުލުން ހޯދުނު ތަށިކަމަށާއި، ދިހަ ޕޮއިންޓް ފަހަތުގައި އޮއްވާވެސް ހުރިހާ ކުޅުންތެރިން ދެއްކި ތަފާތު ހިތްވަރަކާއި ނަމޫނާއެއްކަމަށެވެ. އޭނާ ބުނީ ޖެހިޖެހިގެން ދެ ސީޒަންގައި ސިޓީން ހޯދި މި ކާމިޔާބަކީ ފާހަގަކޮށްލެވޭ ކާމިޔާބެއްކަމަށާއި، މިހާރު އަމާޒަކީ ޖެހިޖެހިގެން ތިން ފަހަރު ޕްރިމިއަރ ލީގު އުފުލާލުންކަމަށެވެ.

ގާޑިއޯލާވަނީ އޭނާ މީގެ ކުރިން އިރުޝާދުދިން ދެޓީމްކަމަށްވާ ބާސެލޯނާ އަދި ބަޔާން މިޔުނިކާއިއެކުވެސް ޖެހިޖެހިގެން ތިންފަހަރު ލީގު އުފުލާލާފައެވެ. މީގެ ކުރިން އިނގިރޭސި ޕްރިމިއަރ ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަކީ އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑެވެ.