ސިޔާސީ

ބްރޯޑްކޮމްގެ ނާއިބު ރައީސް ވަޒީފާއަށް ނުނިކުންނަވައި މުސާރަ ނަންގަވާ މައްސަލަ ފެންމަތިވެއްޖެ


ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނާއިބް ރައީސް އިސްމާޢީލް ޞަފްވާން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެއްކިބާވެ ހުންނަވައި މުސާރަ ނަންގަވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ އެކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޞަފްވާން ވަޒީފާއަށް ނުނިކުންނަވައި މުސާރަ ނަންގަވާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ސޮފްވާން ވަޒީފާއަށް ނިކުންނެވީ ދެތިން ދުވަހު ކަމަށާއި އޭގެ ފަހުން ވަޒީފާއަށް ނުނިކުންނަވާ ކަމަށެވެ. އަދި އޭގެ ފަހުން ޗުއްޓީއެއް ނެންގެވިކަން ވެސް އެނގި ލައްވާފައި ނުވާ ކަމަށާއި ނަމަވެސް ފުރިހަމައަށް މުސާރަ ލިބިލައްވާ ކަމަށެވެ.

މީގެ އިތުރުން އެމްބީސީގެ މެމްބަރުން ވަޒީފާއަށް ނުނިކުންނެވުމުން މުސާރައިން އުނިކުރެވޭނެ އުސޫލެއް ނޯންނާތީ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމަ ނުކުރެއްވި ނަމަވެސް މެމްބަރުންނަށް މުސާރަ ދިނުމަށް އޮންނަ އުސޫލުގެ ތެރެއިން ޞަފްވާނަށްވެސް މުސާރަ ލިބެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޞަފްވާން ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވާ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ މަޖިލިސް މެމްބަރުންނާއި އެމްބީސީގެ މެމްބަރުންނަކީ ބޮޑު މުސާރަދޭ ބޭކާރު ބައެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

އެމްބީސީގެ ނާއިބް ރައީސް އިސްމާއީލް ޞަފްވާން އަކީ ކުރީގެ ރައީސް ޔާމީންގެ ސިޔާސަތު ތަކަށް ތާއީދު ކުރައްވައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އަރިހުގައި ކުރީގެ ސަރުކާރު ޕްރޮމޯޓް ކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ފަރާތެކެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގައި މަސައްކަތް ކުރައްވާ މެމްބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ ލިބެއެވެ.