ތިމާވެށި

އިނގިރޭސިވިލާތާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށް އެކި ދާއިރާތަކުން އެ ޤައުމާއެކު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ނާއިބް ރައީސް ފައިސަލް ނަސީމް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު މަޝްވަރާކުރައްވައިފިއެވެ.

މިކަމާބެހޭގޮތުން މަޝްވަރާކުރައްވާފައިވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ.ފަރަހްނާޒް ފައިޞަލް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޑރ.ފަރަހްނާޒް ފައިޞަލް ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް، އިނގިރޭސިވިލާތާއި، ޔޫރަޕްގެ ޤައުމުތަކާއި ދެމެދުގައި ރާއްޖޭން އޮންނަ ގުޅުން ބަދަހިކުރެއްވުމާއިގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ނާއިބް ރައީސަށް ދެއްވުމަށްފަހު ޑރ.ފަރަހްނާޒް ދެއްކެވި ވާހަކަފުޅުގައި ވަނީ ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގުތައް ފަހިކުރެއްވުމަށާއި، ޔޫރަޕް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް އެމްބަސީއިން މަސައްކަތްކުރައްވާކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑރ.ފަރަހްނާޒް ވަނީ ރާއްޖެއާ ދޭތެރޭގައި ބޭރު ދުނިޔެއިން ދެކޭގޮތް ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ސަރުކާރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.