ޚަބަރު

މިއަހަރު އިސްކަންދޭނީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަން - މަޓާޓޯ


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން މިއަހަރު އެންމެބޮޑު އިސްކަމެއްދޭނީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

މިއަހަރުގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސް ލޯންޗްކުރުމުގެ ހަފްލާގައި ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަޓާޓޯގެ ނައިބު ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ، މިދިޔަ 2 އަހަރާއި އަޅާބަލާއިރު މިއަހަރު މަޓާޓޯއިން ބައިވެރިވާ ފެއަރތައް މަދުވާނެކަމަށެވެ. މައިގަނޑު ސަބަބަކީ ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރާތީކަމަށް ޤިޔާސް ވިދާޅުވިއެވެ.

އަބްދުﷲ ޤިޔާސް ވިދާޅުވީ، އެމްއެމްޕީއާރުސީންވެސް ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ފެއަރތަކެއްގައި ބައިވެރިވަމުން އަންނަކަމަށާއި، އެމްއެމްޕީއާރުސީ އާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް މަޓާޓޯއިން އެހީތެރިވާނެކަމަށެވެ.

"މިދިޔަ 2 އަހަރާއި އަޅާބަލާއިރު މިއަހަރު އަޅުގަނޑުމެން ފެއަރތަކަށް އެހާބޮޑު ފޯކަސްއެއް ނުދެން. އެމްއެމްޕީއާރުސީންވެސް ގިނަ މަސައްކަތްތަކެއް ކުރާތީ އެމީހުންނާއި ގުޅިގެން މަސައްކަތް ކުރުމަށް މިއޮތީ ވިސްނާފައި. އަޅުގަނޑުމެންގެ ސްޓްރެޓެޖީ ކުޑަކޮށް ތަފާތުކޮށްލާފައި އަޅުގަނޑުމެން ޓްރެއިނިން ޕްރޮގްރާމްތަކާއި، އެޑްވޮކަސީއަށް ބޮޑަށް ފޯކަސްކުރަން މި މަސައްކަތްކުރަނީ." އަބްދުﷲ ޤިޔާސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށް މަޓާޓޯއިން ވަނީ ގެސްޓްހައުސް އެސޯސިއޭޝަނާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިދިޔަ އަހަރުގެ ތެރޭގައިވެސް މަޓާޓޯއިން ވަނީ ދާއިރާގައި މީހުން ބިނާކުރުމަށް ގިނަ ވާރކްޝޮޕްތަކެއްވެސް ހިންގާފައެވެ.

މަޓާޓޯއިން ފެއަރތަކުގައި ބައިވެރިވާ މިންވަރު މިއަހަރު މަދުކުރިނަމަވެސް މިއަހަރުގެ މިހާތަނަށްވެސް އެ އެސޯސިއޭޝަނުން ވަނީ 4 ފެއަރއެއްގައި ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާރޗް މަހުގެ ފަހުކޮޅު ސަޢުދީ ޢަރަބިއާގެ ވެރިރަށް ރިޔާޛުގައި ބޭއްވި "ރިޔާޛް 2019 ޓްރެވަލް ފެއަރ" އާއި މާޗްމަހު ވިއެޓްނާމްގެ ވެރިރަށް ހެނޯއީގައި ބޭއްވި 'ވިއެޓްނާމް އިންޓަރނޭޝަނަލް މާރޓް' އާއި ފިލިޕީންސްގެ ވެރިރަށް މެނީލާގައި އޭޕްރީލްމަހު ބޭއްވި ' ވޯލްޑް މާސްޓަރ އިންޓަރނޭޝަނަލް ޓްރެވަލް މަރޓް" އަދި މެދުއިރުމަތީގައި ބޭއްވި އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯ އެވެ. އަދި އަންނަ މަހު ހޮންގކޮންގައި ބާއްވާ ޑެސްޓިނޭޝަން ސްޓޭންޑެއް ބަހައްޓާނެކަމަށް މަޓާޓޯއިން ބުނެއެވެ.