ޚަބަރު

ފައިނަލްގައި ކުޅެން އުއްމީދުކުރަން: ކޭން


ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެން އުއްމީދު ކުރާ ކަމަށް ޓޮޓެންހަމުގެ ކެޕްޓަން ހެރީކޭން ބުނެފި އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ސްޕޭނުގެ މެޑްރިޑުގައި ކުޅޭ ފައިނަލަށް ފިޓްވާން މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ބުނީ ރޭ އޭނާގެ ޓީމު ފައިނަލަށް ދިއުމުންނެވެ.
ޓޮޓެންހަމް ފައިނަލަށް ދަތުރުކުރީ ފަހަތުން އަރައި އަޔެލްސް 3-2އިން ބަލިކޮށްފަ އެވެ.

ކޭން ބުނީ ޕްރެމިއާ ލީގުގައި ކުޅެނިކޮށް އޭނާ އަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ވަރަށް ބުރަކޮށް މެޑިކަލް ޓީމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޭން ބުނީ އޭނާ ނެތި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހިތްވަރުގަދަ މޮޅު ކުޅުމެއް ކަމަށާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ތާރީހުން މުހިންމު ޖާގައެއް ހައްގުވާ ކުޅުންތެރިއެއް ކަމަށެވެ.