ޚަބަރު

ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތް އަންނަ ޖޫން މަހު ފަށަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް އަންނަ ޖޫން މަހު އަލުން ފަށާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށްޓަކައި ސަޢޫދީ ފަންޑުގެ އިސްބޭފުޅުންނާއެކު މަޝްވަރާކުރައްވާފައިކަމަށެވެ. އަދި މި މަޝްރޫއަށް ފަންޑުކުރާ އެހެނިހެން ޖަމްޢިއްޔާތަކާއެކުވެސް މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މައްސަލަތައް ހައްލުކޮށް އާ އެގްރީމަންޓަކާއެކު މިއަހަރުގެ ޖޫން މަހުގެ ތެރޭ މަސައްކަތް ފަށާ ގާތްގަޑަކަށް 3 އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ޓަރމިނަލްގެ މަސައްކަތް ކުރީގެ ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދަން ނިންމާފައިވީނަމަވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ކުރަނީ ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏެއްކަމަށްވާ ސައުދީ ބިންލާދިން ގްރޫޕުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޕަސިންޖަރ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އައު ޓާރމިނަލްގައި ހުންނާނެއެވެ. އާ ޓަރމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ވަނީ ހުސްކޮށްފައެވެ.

އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފައިވަނީ އަލަށް ހަދާ ޓަރމިނަލްގައި، މިހާރު މެނުއަލްކޮށް ދެމުން އަންނަ ގިނަ ޚިދުމަތްތައް އޮޓަމެޓިކް ޚިދުމަތްތަކަކަށް ބަދަލުކުރާނެ ކަމަށެވެ.