ވިޔަފާރި

ވިލާ ގްރޫޕްއަށް މީރާއިން ދިން ސުންގަޑި ހަމަވެއްޖެ


ވިލާގެ ގުރޫޕުން
ދައުލަތަށް ދައްކަން ޖެހޭ 100 މިލިޔަން ޑޮލަރުގެ ކުލި ދައްކާ ޖެހޭ މުއްދަތު މިއަދަށް ހަމަވުމާއިގުޅިގެން ކުލި ނުދައްކާ ފަރާތްކާއި މެދު ފިޔަވަޅު އަޅާ އުސޫލުން ފިޔަވަޅު އަޅާނެކަމަށް މީރާއިން
ހާމަކޮށްފިއެވެ. މީރާގެ ޑިރެކްޓަރ ޖެނެރަލް އޮން އޮޑިޓް އެންޑް އިވެސްޓިގޭޝަން
ފަތުހުއްﷲ ޖަމީލް ވިދާޅުވީ، މީރާއަށް ކުލި ނުދައްކާ ފަރާތްތަކުގެ ވަކިވަކި
މައުލޫމާތު އަދި ވަކިވަކި ފަރާތްތައް މީޑިއާއަށް ހާމަނުކުރާކަމަށާއި، ނަމަވެސް
ކުލި ދެއްކުމަށް ދޭ މުއްދަތުގައި ނުދައްކައިފިނަމަ އެފަރާތަކާއި މެދު އެއޮންނަ
އުސޫލަކުން ފިޔަވަޅު އަޅަމުން ދާނެކަމަށެވެ. މީރާއިންވަނީ 30 ދުވަހުގެ
ތެރޭގައި ވިލާގެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ 100 މިލިޔަން ޑޮލަރުގެ ކުލި ދައްކާ ހަލާސް ކުރަން އަންގާފައެވެ. އަދި ނުދައްކައިފިނަމަ ވިލާ ގްރޫޕްގެ އެކައުންތްތައް
ފްރީޒް ކުރުމަށް  ނިންމާ އެކަންވެސް އެކުންފުންޏަށް އަންގާފައިވެއެވެ. ވިލާ ގްރޫޕަށް ކުއްޔަށް ދީފައިވާ ބައެއް ފަޅުތަކުގެ
ކުއްޔާއި ޖުރިމާނާގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ބުނާ 100 މިލިޔަން ޑޮލަރުގެ
މައްސަލާގައި ވިލާގެ ކުންފުނިތަކުންވަނީ ޓޫރިޒަމް މިނިސްޓްރީއާއި މީރާގެ މައްޗަށް
ދައުވާކޮށްފައެވެ. އަދި މީރާއިން އެނގި އެންގުމަށް އަމަލު ކުރުން ފަސް ކުރުމުގެ
ވަގުތީ އަމުރަކަށްވެސް ވިލާ ކުންފުނިން ކޯޓުގައި އެދުނެވެ.  ނަމަވެސް ކޯޓުން ވަނީ އެފަދަ
އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ނިންމާފައެވެ. އެމްބީސީއާއި ވާހަކަފުޅު
ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް ވިދާޅުވީ، ކުލި ނުދައްކައިގެން އެގްރިމެންޓް ބާތިލްކުރެވިއްޖެނަމަ އެރަށްތަކާއި ފަޅުތައް ޓުއަރިޒަމް
މިނިސްޓްރީއަށް ނަގާނެކަމަށެވެ.
ކުލި ނުދައްކައިފިނަމަ ދައުލަތަށް ނަގަން ނިންމާފައިވާ ރަށްތަކަކީ، ތ. އެލާއާއި، ރ. މާނެންފުއްޓާއި، ގދ. ގަޒީރާއާއި، ކ. މާދިއްގަރުފަޅާއި، ކ. ބޮލިދުއްފަރުފަރާއި، ކ. ވާވެއްދިއްފަޅު އަދި އެ
ރަށްތަކާއި ގުޅިގެން ކުއްޔަށް ދީފައިވާ ފަޅުތަކެވެ.



100
މިލިޔަން ޑޮލަރު ދައްކަންޖެހުމުގެ މައްސަލާގައި ވިލާގްރޫޕްގެ ވެރިޔާ ގާސިމް
އިބްރާހިމްވަނީ އޭނާގެ ކުންފުޏްނަށް ތަހައްމަލްނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާއި
ކުރިމަތިވެގެންދާނެތީ ސަރުކާރާއި ވާހަކަދައްކައިގެން މަގެއް ފެނޭތޯ ޓޫރިޒަމް
މިނިސްޓަރ އަދީބާއި އަދި ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވަން
ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވަމުންގެންދަވަނީ އޭނާގެ
ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުހުންނާނެކަމަށެވެ.

ވިލާގްރޫޕްގެ ފަރާތުން މިއަދު ވާހަކަފުޅު ދެއްކެވި އޮފިޝަލަކު ވިދާޅުވީ މީރާގެ މުހުލަތު މިއަދު ހަމަވެފައިވާކަމަށާއި ނޯޓިސްގެ މައްސަލާގައި މީރާއާށް އެކުންފުނިން ފޮނުވި ސިޓީއާއި ގުޅިގެން ވަކި ޖަވާބެއް މިތާނަށް ލިބިފައި ނުވާތީއާއި ކޯޓްގައި ހުރި މައްސަލަތައް ފަށަން ވަކި ދުވަހެއް އަދި ކަނޑައަޅާފައިވެސް ނެތުމާއެކު އެކުންފުންޏަށް ކުރެވޭނެކަމެއް މިހާރު ނެތްކަމަށެވެ.