ޚަބަރު

ސްރީ ލަންކާގެ ރެޒިޑެންސް ވިސާ ދެން، ދިވެހިންނަށް ދޫކުރާނީ ރާއްޖެއިން


ސްރީ ލާންކާގައި ދިރިއުޅެން ބޭނުންވާ އެހެން ޤައުމުތަކުގެ ރައްޔިތުން ހައްދަންޖެހޭ "ރެޒިޑެންސް ވިސާ" އެބައެއްގެ އަމިއްލަ ޤައުމުގައި ތިބެގެން ހެއްދުމަށް ސްރީ ލަންކާ ސަރުކާރުން އަންގައިފިއެވެ.

މިގޮތަށް އަންގައި އެޤައުމުންވަނީ ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލުވެސް ގެނެސްފައެވެ. މިކަމާއިގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ސްރީ ލަންކާގައި ދިރިއުޅެން ބޭނުންވާ ދިވެހިން ހައްދަންޖެހޭ ރެޒިޑެންސް ވިސާ ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީން ހެއްދޭނެ ކަމަށެވެ.

ފޮރިންމިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ދާދިފަހުން ސްރީ ލަންކާގައި ދިން ޓެރަރިސްޓު ޙަމަލާއާގުޅިގެން، ސަލާމަތީ ބައެއް ސަބަބުތަކަށްޓަކައި ހުރިހާ ޢައުމުތަކަށްވެސް އެގައުމުގެ ފޮރިން މިނިސްޓްރީން މި އުސޫލު އަންގާފައިވާކަަމަށެވެ.

މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އާއުސޫލަށް ޢަމަލުކުރަން ފަށާނެކަމަށާ ސްރީ ލަންކާގެ "ރެސިޑެންސް ވިސާ" ބޭނުންވާ ދިވެހިން ދެން ވިސާއަށް އެދެން ޖެހޭނީ ރާއްޖޭގައި ހުންނަ އެޤައުމުގެ އެމްބަސީގައި ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިވަގުތު ސްރީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާ ވިސާގެ މުއްދަތު ހަމަވުމުން ވިސާ އާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.