ޚަބަރު

ފިނޭންސް މިނިސްޓްރީ ކައިރީގައި ހެދި ޕާކިން ޒޯން ހުޅުވައިފި


ފިނޭންސް މިނިސްޓްރީ ކައިރީގައި ހަދާފައިވާ ޕާކިންގ ޒޯން އާންމުންނަށް ހުޅުވާލައިފިއެވެ. ދެ ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ޚާއްޞަކޮށްފައިވާ މިސަރަޙައްދުގައި 242 ސައިކަލު ޕާކު ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އާންމުންނަށް ފަސޭހައިން ވެހިކަލް ޕާކު ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސިޓީ ކައުންސިލުން ފިނޭންސް މިނިސްޓްރީ ކައިރީގައި އޮތް ހުސް ބިމުގައި ހެދި ޕާކިންގ ޒޯން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ދެ ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ޚާއްޞަކޮށްފައިވާ މިސަރަޙައްދުގައި 242 ސައިކަލު ޕާކު ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ މި ޕާކިން ޒޯންގައި ޕާކުކުރުމަށް އެއްވެސް އަގެއް ނުނަގާނެކަމަށެވެ.
މި ޕާކިން ޒޯން ހުޅުވުމާއެކު އަމީނީމަގުން ބައެެއްގައި ޕާކު ނުކުރެވޭނެގޮތަށް ވަނީ ކަނޑައަޅާފައެވެ. ޢެގޮތުން އަމީނީމަގު
ޣިޔާސުއްދީން ސްކޫލުން ފެށިގެން އެމްޑަބްލިއުއެސްސީ އާއި ހަމައަށް ދެން އެއްވެސް އުޅަނދެއް އަމީނީމަގަކު ޕާކެއް ނުކުރެވޭނެއެވެ. މި ސަރަހައްދަކީ އާއްމުކޮށްވެސް ކާރޫބާރު ބޮޑުސަރަހައްދެކެވެ.

"ދެފުރޮޅުލީ އެއްޗިއްސާއެކު މިސަރަޙައްދު ތަރައްޤީކޮށްފައިވަނީ 4 ފުރޮޅުލީ އެއްޗިހިވެސް ޕާކުކުރެވޭނެގޮތަށެވެ. އެކަމަކު އަޅުގަނޑުމެން މިގަސްދުކުރަނީ 4 ފުރޮޅުލީ އެއްޗިހިން ފީއެއް ނަގައިގެން ޕާކުކުރުމަށެވެ. ވަރަށް އަވަހަށް އެކަމަށް ބޭނުންވާ އުސޫލެއް އެކުލަވާލާ އެތަންވެސް ޢާއްމުނަށް ހުޅުވާލާނަން." ޒަމީރު ވިދާޅުވިއެވެ.

ރަމަޟާން މަހާއި ދިމާކޮށް މަލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސުޕްރީމް ކޯޓް ކުރިމަތީގައި އޮންނަ ހުސްބިން ވަގުތީ ޕާކިންގ ޒޯނަކަށްހަދައި ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އެތަން އާންމުކޮށް ހުޅުވާލުމަށްވެސް ސިޓީކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސިޓީކައުންސިލުން ވިދާޅުވީ މި ސަރަހައްދަކީ ބާޒާރުމަތިކަމަށްވެފައި ބޮޑެތި އުޅަނދުތައް ގިނައިން ދަތުރުކުރަންޖެހޭ ސަރަހައްދެއްކަމުން މި ޕާކިންގ ޒޯން ޚާއްޞަކުރެވިގެންދާނީ 4 ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ. މި ޒޯން ހެދުމަށްޓަކައި ސްޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ބިމުގެ ވަށައިގެން ރާނާފައިވާ ފާރު ތަޅާލުމުގެ މަސައްކަތް ސިޓީކައުންސިލުން މިހާރުދަނީ ކުރަމުންނެވެ.

ރަމަޟާންމަހަކީ މަގުތަށް އިތުރަށް ބާރުބޮޑުވާ މަހަކަށްވާތީ ސިޓީ ކައުންސިލުންވަނީ ގަރާޖު ހުރިފަރާތްތަކުން ވެހިކަލްތައް ގަރާޖުގައި ޕާކުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

މަޖީދީމަގުގައި، ހީނާމާގެ ގޯތިތެރެ ސާފުކޮށް ވަގުތީގޮތުން ޕާކުކުރެވޭނެ ސަރަަޙައްދެއް ހެދުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މީގެއިތުރުން ގާކޮށީ ފްލެޓްތައް ހުރި ބިމުގައިވެސް ޕާކުކުރުމަށް އިތުރު ޖާގަ ހެދުމަށް މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މާލެސިޓީގެ ކައުންސިލް މެމްބަރ އަޙްމަދު ޒަމީރު ވިދާޅުވީ ގާކޮށި ތެރެ ޢާއްމުކޮށް ޕާކުކުރާ ތަނަކަށް ހަދައި އެތަނުގައި ދިރިނޫޅޭ ފަރާތްތަކުންވެސް ބޭނުންކުރަމުން އަންނާތީ އެކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން މިމައްސަލަ ޙައްލުކުރުމަށް ގާކޮށި ވަށައިގެންވާ ސަރަޙައްދުތަކުން ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްފަހު ގާކޮށީގައި ޕާކުނުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

މާލޭގެ މަގުތަކުގެ ބާރު ކުޑަކުރުމަށް ސިޓީ ކައުންސިލުންދަނީ ޚާއްސަ އިސަކަމެއްދީގެ ޕާކިން އޭރިއާތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެލާނާގެ އާއި ހެންވޭރު ސަހަރާ އަދި މާފަންނު ސަހަރާ ކައިރީގައިވެސް އިތުރު ޕާކިން އޭރިއާތައް ހަދާ ވަނީ ބޭނުންކުރަން ފަށާފައެވެ.
ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ޤައުމީ މަރުކަޒު ކުރިން ހުރި ބިމުގައި ދާދިފަހުންހަދާފައިވާ ޕާކިންގ ޒޯންވެސް ވަރަށް އަވަހަށް އާއްމުންނަށް ހުހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.