ޚަބަރު

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 50އަށް ވުރެ ގިނަ ޓީމު ބައިވެރިވެއްޖެ


"ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ މިއަހަރުގެ މުބާރާތުގައި ފަންސާހަށް ވުރެއް ގިނަ ޓީމު ބައިވެރިވެފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ، މި އަހަރުގެ މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ފަންސާހަށްވުރެއް ގިނަ ޓީމު ބައިވެރިވެފައިވާކަމަށެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މި މުބާރާތުގައި މާލޭ ސިޓީއާއި ފުވައްމުލަކު ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއް ޓީމަށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު، މާލެއާއި ފުވައްމުލަކު ސިޓީގެ ކޮންމެ އަވަށަކުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ އެހެން އަހަރުތަކުގައި މި މުބާރާތް މާލޭގައި ކުރިޔަށްގެންދިޔަ ނަމަވެސް މިއަހަރުގެ މުބާރާތް ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ ސެޕްޓެމްބަރ މަހު ކަމަށްވެސް ރިލްވާން ވިދާޅުވިއެވެ.

ކޮންމެ އަހަރުކުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 60 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 25 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ މާލޭ މާފަންނު ޓީމެވެ.