ޚަބަރު

މައުމޫން ފައުންޑޭޝަނުންވެސް މިއަހަރު އިޙްޔާ ފޯރަމް ބާއްވަނީ


ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދަވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ނިންމަވައިފިއެވެ.

މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔޭނެގައި ވިދާޅުވެފައިވަނީ އެ ފައުންޑޭޝަނުން ބާއްވާ އިޙްޔާ ޖަލްސާތައް އަންނަ ހަފްތާގެ އަންގާރަދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން މި މަހުގެ 14 އާއި 21 އަދި 28 ވަނަ ދުވަހު މި ޖަލްސާ ކުރިއަށްގެންދާ ގޮތަށް އެ ފައުންޑޭޝަނުން ވަނީ ނިންމަވާފައެވެ. އަންނަ ހަފްތާގައި ބާއްވާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޖަލްސާގައި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާކަމަށް އެ ފައުންޑޭޝަނުން ވިދާޅުވެއެވެ.

މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖަލްސާ އޮންނަ ދުވަހުގެ ރޭގަނޑު 10 ޖަހާއިރު އިސްލާމީ މަރުކަޒުގައެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ދުވަހުގައި ކޮންމެ އަހރެއްގެ ރަމަޞާންމަހު އިޙްޔާ ފޯރަމްތައް ކުރިއަށްގެންގޮސްފައިވެއެވެ.
އަދި ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް އަމިއްލަގޮތުން އެމަނިކުފާނު މިފަދަ ޖަލްސާތައް ބާއްވާފައިވެއެވެ.

އެހެންނަމަވެސް މިދިޔަ ރަމަޟާންމަހު އެމަނިކުފާނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ލުމާގުޅިގެން އެމަނިކުފާނު ބާއްވާ މިޖަލްސާތައް ބޭއްވޭގޮތްވަނީ ނުވެފައެވެ.