ވިޔަފާރި

ދިރާގުގެ 2014ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 4.72 ރުފިޔާ


ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކުންފުނީގެ ހިއްސާއަކަށް 4.72 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.ދިރާގުގެ ހިއްސާދާރުން އެގޮތަށް ފާސްކުރީ ހޮޓެލް ޖެންގައި ރޭ ބޭއްވި އެކުންފުނީގެ  2014ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.ރޭ ހޮޓެލްޖެންގައި ކުރިއަށްދިޔަ ދިރާގުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅި ކުންފުނީގެ މާލީ ބަޔާންގައިވާގޮތުން ފާއިތުވި އަހަރު އެކުންފުންޔަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 701 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.ހިއްސާއަކަށް 4.72 ރުފިޔާ ބަހަން ފާސްކޮށްފައިވާ އިރު ޖުމްލަ ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވަނީ 359 މިލިއަން ރުފިޔާއެވެ. މިއާއެކު 2014ވަނަ އަހަރުގައި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބެހުނު 342 މިލިއަން ރުފިޔާއާ އެކު 2014ވަނަ އަހަރަށް ޖުމްލަ 701 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހޭނެ ކަމަށް ދިރާގުގެ  2014ވަނަ އަހަރުގެ މާލީ ބަޔާނުގައިވެއެވެ.މީގެ އިތުރުން، ރޭގެ ޖަލްސާގައި، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި އިންނަވާ ޑިރެކްޓަރުގެ މަގާމަށް އިންތިޙާބް ކޮށްފައިވަނީ އިމްރާން އަލީއެވެ.އެމަގާމުގައި ކުރިންވެސް ހުންނެވި އިމްރާން ދެވަނަ ފަހަރަށް ޑިރެކްޓަރުންގެ ބޯޑަށް ހޮވިފައިވަނީ ރޭގެ ޖަލްސާއަށް ހާޒިރުވި 91 ހިއްސާދާރުންގެ ތެރެއިން 77 ހިއްސާދާރުންގެ ވޯޓުންނެވެ.ރޭގެ ޖަލްސާގައި، އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ ޗާޓަރޑް އެކައުންޓަންޓްސް އަލުން އައްޔަން ކުރުމަށް 84 ހިއްސާދާރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވަނީ ފާސްކޮށްފައެވެ.