ޚަބަރު

ރޯދަމަހު މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް


ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކީ މާލޭގެ މަގުތަކަށް އެންމެ ބޮޑަށް ބާރުބޮޑުވާ އެއް ވަގުތެވެ.

ބާޒާރު ކުރަން މަގުމައްޗައް ނިކުންނަ މީހުންނާއި، ފިނި ބުރު ޖަހާލަން ނިކުންނަ މީހުންނާއި، އަދި މަސައްކަތްތައް ނިންމާ އާއިލާތަކާއެކު ހިނގާލަން ނިކުންނަ މީހުންންވެސް ގިނަ ވަގުތެކެވެ. އެހެންކަމުން ކޮންމެ ރަމަޟާން މަހެއްގައިވެސް މަގުތަކަށް ބާރުބޮޑުވެ ދިމާވެދާނެ ދަތިތަކަށް އަބަދުވެސް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ތައްޔާރުވޭ. އަދި ބައެއް މަގުތަކުގެ ޓްރެފިކަށްވެސް ބަދަލުތަކެއް ގެނެއެވެ.

ކޮންމެ ރަމަޟާން މަހެއްގައިވެސް އާއްމުކޮށް މާލޭގައި ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލުގެނައުމަކީ ފުލުހުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މާފަންނު ސަރަޙައްދަކީ އާންމުކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދެއްކަމުން މިއަހަރުވެސް އެ ސަރަހައްދުގައި އާއްމުކޮށް ކާރޫބާރު ބޮޑުވާ ސަރަޙައްދުތަކުގެ ޓްރެފިކަށް ބަދަލު ގެނެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ.

އެގޮތުން އާއްމުކޮށް އެހެން އަހަރުތަކުގައި މާފަންނު ކަނބާއައިސާ ރަނި ހިންގުން އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރި ނަމަވެސް، މި އަހަރު އެ މަގުގެ ބަދަލުގައި، ބަދަލު ގެނައުމަށް ނިންމާފައިވަނީ އައިޖީއެމް ހޮސްޕިޓަލާއި ދިމާލަށް ދެވެންއޮންނަ މުރަނގަ މަގަށެވެ.

އެމަގު ކޮންމެ ދުވަހެއްގެ ހަވީރު ކަނބާ އައިސާ ރަނިހިނގުމުން ފެށިގެން ހިލާލީ މަގަށް ނުވަތަ، އައިޖީއެމް ހޮސްޕިޓަލުން ފެށިގެން ބިސްބުރާ ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލު ކުރުމަށް ޓްރެފިކް ފުލުހުން ވަނީ ނިންމާފައެވެ. އެގޮތަށް ބަދަލު ކުރުމުން އެމަގުން ވެހިކަލް ދުއްވޭނީ އައިޖީއެމް ހޮސްޕިޓަލާ ދިމާއިން ބިސް ބުރާއި ވީ ކޮޅަށެވެ. އަދި މާބޮޑަށް މިމަގުގެ ބާރުބޮޑުވާނަމަ މުރަނގަ މަގަށް 4 ފުރޮޅުލީ އުޅަނދުތައް ވަނުން މަނާކުރާނެކަމަށްވެސް ޓްރެފިކް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ހެންވޭރު ސޯސަންމަގު ސިޓީ ބޭކަރީ ހުންނަ ސަރަހައްދަކީވެސް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދެއްކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ފުލުހުން އަބަދުވެސް ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، މާބޮޑަށް ޓްރެފިކް ތޮއްޖެހި ވެހިކަލް ދުއްވަން ދަތިވާވަރުވެއްޖެނަމަ މަޖީދީ މަގުން ފެށިގެން ސިޓީ ބޭކަރީއާއި ދިމާލަށް 4 ފުރޮޅުލީ އުޅަނދަށް ނުވަދެވޭގޮތް އެމަގުގެ ޓްރެފިކަށް އެ ވަގުތުތަކުގައި ބަދަލުގެންނާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަދި ސޯސަން މަގުގެ ބާރު ކުޑަކުރުމަށް އެ މަގުގެ އިރުމަތީ ފަޅީގައި ޕާކު ނުކުރެވޭ ގޮތް ހަދައި، ހެންވޭރު ސަހަރާ ކައިރީގައި 150 ސައިކަލަށް ޕާކު ކުރެވޭނެ ޖާގަ ސިޓީ ކައުންސިލާއި ގުޅިގެން ހަދާފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި ރަމަޟާން މަހު މާލޭގެ ޓްރެފިކަށް އެންމެ ބޮޑު ބަދަލެއް ގެނައުމަށް ހަމަޖެހިފައިވަނީ މާލެ މާރުކޭޓް ސަރަޙައްދަށެވެ. އެގޮތުން މެންދުރު 12.30 އިން ފެށިގެން އިރުއޮއްސި 18.30 އާއި ހަަމައަށް، ނޯތް ހާބަރުން ފެށިގެން އެމްއެމްއާއި ހަމައަށް އާއްމު ދަތުރުތަކަށް 4 ފުރޮޅުލީ އުޅަނދަށް އެސަރަޙައްދަށް ނުވަދެވޭނެއެވެ. އަދި މިސަރަޙައްދަށް ހަވީރީ ހިނގުމުން އާއްމު ބޭނުންތަކަށް 4ފުރޮޅުލީ އެއްވެސް އުޅަނދަކަށް ނުވަދެވޭނެއެވެ. ނަމަވެސް މި ވަގުތުތަކުގައި އެސަރަޙައްދަށް މުދާ އުފުލާ އުޅަނދުތަކަށް ވަދެވޭނެއެވެ.

މާރުކޭޓް ސަރަޙައްދަކީ މާލޭގައި އެންމެ ބޮޑަށް ބާރު ބޮޑުވާ ސަރަޙައްދެވެ. މިކަން ޙައްލުކުރުމަށް އެ ސަރަޙައްދުގައިވަނީ މުދާ ލޯޑްކޮށް އަންލޯޑްކުރުމަށް ޚާއްސަ 11 ސަރަހައްދަކާއި، މުދާ ލޯޑްކޮށް އަންލޯޑްކުރުމަށް ވަކި ވަގުތު ތަކެއްވެސް ކަނޑައަޅާފައެވެ. އަދި އެސަރަޙައްދުގައި ނުގާވައިދުން ޕާކްކޮށްފައިވާ އުޅނދުތައް ނަގައި، ޕާކު ކުރެވޭނެ ވަކި ސަރަަޙައްދުތަކެއްވެސް ވަނީ ފާހަކަކޮށްފައެވެ.

މީގެއިތުރުން ބްރިޖް ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތްތަވެސް ފުލުހުން ޚާއްސަ އިސްކަމެއް ދީގެން މި ރަމަޟާންމަހު ކުރިއަށް ގެންދާނެއެވެ.