މުނިފޫހިފިލުވުން

އާންމުން ގަޔާވާފަދަ ގިނަ ޕްރޮގްރާމްތަކެއް މިފަހަރުވެސް ޕީއެސްއެމްގެ ޗެނަލްތަކުން

ރަމަޟާން މަސް ފާހަގަ ވެގެންދަނީ ހުރިހާ ގޮތަކުންވެސް ތަފާތު މައްސަރެއްގެ ގޮތުގައެވެ. ރޯދަމަހަކީ އަޅުކަމާއި އެއްވަރަށް އެހެނިހެން ހަރަކާތްތައް ވެސް އިތުރު މަހެކެވެ. އެގޮތުން ކުޅިވަރު މުބާރާތްތައް ބޭއްވުމާއި ޓީވީއާއި ރޭޑިއޯގެ ޒަރީއާއިން ގެނެސްދޭ ޕްރޮގްރާމްތައްވެސް އިތުރު މަހެއްގެ ގޮތުގައި ރަމަޟާން މަސް ފާހަގަކުރެވެއެވެ.

އެހެންކަމުން ރަމަޟާން މަހަކާ ދިމާކޮށް ޓީވީއާއި ރޭޑިއޯއިން ޚާއްޞަ ޕްރޮގްރާމްތަކެއްވެސް ދަނީ ގެނެސްދެމުންނެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަށްވެސް ޕީއެސްއެމްގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުން މިވަނީ ތައްޔާރުވެފައެވެ.

ދިވެހިންގެ ހިތްތައް ލަންބުވާލާފަދަ ޝައުގުވެރި އެތައް އުފެއްދުންތަކާއެކު، އެހުންތެރިންނާއި ބެލުންތެރިންގެ މަޤްބޫލްކަން ހޯދާފައިވާ ޕްރޮގްރާމްތަކާއި މުޅިން އައު އުފެއްދުންތަކެއް މި ރަމަޟާން މަހުވެސް ޓީވީއާއި ރޭޑިއޯއިން ގެނެސްދޭނެއެވެ.

ރަމަޟާންމަހު ދިވެހިންގެ އެންމެ މަޤްބޫލު ބައިވެރިއަކީ ދިވެހިރާއްޖޭގެ އަޑޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އަޑުން ހުށަހަޅައިދޭ ދީނީ ޕްރޮގްރާމްތަކާއި މުބާރާތްތަކާއި މުނިފޫހި ފިލުވައިދޭ ހެއްވާ މަޖާ ޕްރޮގްރާމްތަކާއި އެކިއެކި މުހިންމު މަޢުލޫމާތު ގެނެސްދޭ ޕްރޮގްރާމްތަކަކީ ދިވެހިން އަބަދުވެސް އިންތިޒާރުކުރާ އަޑު އަހަން އެދޭ އުފެއްދުން ތަކެކެވެ.

ރަސޫލު ބޭކަލުންގެ ދިރިއުޅުމުގެ ތާރީޚީ ހާދިޞާތަކުގެ މައްޗަށް އަލިއަޅުވައިލާ ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން "ކީރިތި ރަސޫލާގެ ސިޔަރަތު" ޕްރޮގްރާމަކީ ގިނަ ބަޔަކު އަބަދުވެސް ޝައުގުވެރިކަމާއެކު އަޑު އަހަން ބޭނުންވާ ޕްރޮގްރާމެކެވެ.

ރަމަޟާން މަހު އަޑުން ގެނެސްދޭ މުހިންމު އުފެއްދުންތަކުގެ ތެރެއިން ކުރުވާހަކަ މުބާރަތަކީވެސް ދިވެހިން އެހާމެ ބޮޑު އަހަމިއްޔަތުކަމެއްދޭ ޕްރޮގްރާމެކެވެ. އަގުބޮޑެތި އިނާމް ތަކާއެކު ކުރިއަށްގެންދާ މި މުބާރާތުން އިވޭ ވާހަކަތަކުގައި ހުންނަ ޖާދުވީ އަސަރަކީ ދިވެހިންގެ ވިންދު ހުއްޓުވާލާ ފަދަ ވާހަކަ ތަކެކެވެ.

ރަމަޟާން މަހުގެ ދުވާލު ގަޑީގައި ލިބޭ ވަރުބަލިކަން ހަނދާން ނެތިކޮށްލަދޭ އެއް ޕްރޮގްރާމަކީ ކޮންމެ ދުވަހެއްގެ ހަވީރު ރޭޑިއޯ އިން ގެނެސްދޭ "ރޯދަ ކުރު ކުރުން" ޕްރޮގްރާމެވެ. ކުދި ބޮޑު އެންމެނާވެސް ގުޅޭނޭހެން ތަފާތު ރަހަތަކާއެކު އަޑުއެހުންތެރިން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރާ ޕްރޮގްރާމެކެވެ.

ރަމަޟާން މަހަށް ހާއްޞަކޮށް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދިވެހިރާއްޖޭގެ އަޑުގެ މެނޭޖަރ ޕްރޮގްރާމްސް ނަސްރުﷲ އިދުރީސް ވިދާޅުވީ ރޯދަމަހަށް ގެނެސްދޭ ޕްރޮގްރާމްތައް މުއްސަނދި ކުރުމަށްޓަކައި ވޯކްޝޮޕްތައް ބާއްވައި ބައެއް ޕްރޮގްރާމްތައް ބައްޓަން ކޮށްފައިވާނީ އެހުންތެރިން ބޭނުންވާ ބަދަލުތަކާ އެކުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރަމަޟާން މަހާއެކު ރޭޑިއޯގެ އާންމު ޝެޑިއުލަށް ބަދަލު ގެނެސް މުޅި އޮން އެއާރވެސް ބަދަލުކޮށްފައިވާކަމަށެވެ. އެގޮތުން ރަމަޟާންމަހު އޮން އެއާރ ބައްޓަން ކުރަނީ ސިލްސިލާކޮށް ގެނެސްދޭ ޕްރޮގްރާމްތަކުގެ އައު އެޕިސޯޑްތަކާއި މުޅިން އައު އުފެއްދުންތަކުގެ މައްޗަށް ކަމަށެވެ. އޭގެތެރޭގައި ބޮޑެތި އިނާމްތައް ހުށަހަޅާފައިވާ އުފެއްދުންތައް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރަމަޟާން މަހު އާންމު ޝެޑިއުލް ދޫކޮށްލުމަށްފަހު މުޅި އޮން އެއާރ ބަދަލުވެގެންދާނެ. އެހުންތެރިންގެ މަގުބޫލްކަން އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މި ސިލްސިލާތަކަށް ބަދަލު ގެންނަން. ޒަމާނާއެކީގައި އިރެއްގައި އެހުންތެރިން ޝައުގުވެރިވާ ކަންތައްތައް ޕްރޮގްރާމްތެރޭގައި ހިމަނައިގެން ބަދަލުތައް ގެނެސްގެން ޕްރޮފްރާމް ކުރިއަށް ގެންދަނީ." ނަސްރުﷲ ވިދާޅުވިއެވެ.

އަޑުގެ ޕްރޮގްރާމްތައް ފަދައިން ރަމަޟާންމަހު ދިވެހިންގެ ސިޓިންގ ރޫމްތަކަށް އުޖާލާކަން ގެނެސްދެނީ ޓީވީއެމްއާއި ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭ ޓީވީ ޕްރޮގްރާމްތަކެވެ. ފާއިތުވި އަހަރުތަކުގައި ބެލުންތެރިންގެ މަގޫބުލްކަން ހޯދާފައިވާ ޕްރޮގްރާމްތަކަށް ގެނެވެނު މުހިންމު ބަދަލުތަކާއެކު މުޅިން އައު ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ޓީވީއެމްއިންވެސް އޮތީ ތައްޔާރުވެފައެވެ.

ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މުހިންމު ޕްރޮގްރާމްތަކުގެ ތެރޭގައި ރަސޫލު ބޭކަލުންގެ ޒަމާނުގައި ހިނގާފައިވާ ތާރީޚީ ކަންކަމުގެ މައްޗަށް ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދޭ "މުޙައްމަދު ރަސޫލުﷲ" ޕްރޮގްރާމަކީ އިބްރަތުން ފުރިގެންވާ ތާރީޚީ މަޢުލޫމާތުތަކެއް ލިބިގެންދާ މުޅި ރަމަޟާން މަސް ސިފަވެގެންދާ އުފެއްދުމެކެވެ.

މީގެ އިތުރުން ބެޑެތި އިނާމްތަކާއެކު ކޮންމެ ދުވަހެއްގެ މެންދުރުފަހު ސިލްސިލާކޮށް ގެނެސްދޭ ވެރައިޓީ ޝޯވ "މިވަގުތު" އަދި "ސޭލް ސޭލް" ޕްރޮގްރާމާއި ސުފުރާމަތީގެ ރަހަ ހެޔޮވަރުކޮށްލުމަށް މަޝްހޫރު ކެއްކުންތެރިންގެ ކެއްކުމުގެ ހުނަރާއި ގިނަ ރެސިޕީތަކަށް ކާބޯތަކެތި ތައްޔާރުކުރާނެ ގޮތް ދައްކުވައިދޭ "ރަހަތަފާތު" ޕްރޮގްރާމްވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރު ޓީވީއެމުން ގެނެސްދޭ ޙާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި މަޝްހޫރުވެ ދިވެހިންގެ މަގުބޫލްކަން ހޯދާފައިވާ ކުޅަދާނަ ފަންނާނުގެ ހުށަހެޅުންތަކާއެކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮމެޑީ ޕްރޮގްރާމް "ކާއްޓޭ ޝޯވް"އާއި މުޅިންއަލަށް ގެނެސްދެން ނިންމާފައިވާ "ދިވެއްސަކު ދެކުނު އިންޑިއާގައި" ޕްރޮގްރާމް ވެގެންދާނީ ދިވެހިންގެ ސަމާލުކަން ލިބިގެންދާނެ ޕްރޮގްރާމް ތަކަކަށެވެ.

މިނޫނަސް ރޯދަމަހުގެ މާތްކަމާއި ގުޅުވައިގެން ދީނީ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭން ހަމަޖެހިފައިވާ "ފިކުރާތު" ޕްރޮގްރާމާއި މަޝްހޫރު "ސަލާހުއްދީނުލް އައްޔޫބީ" ގެ ވާހަކައާއި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ބައިތަކާއެކު ގެނެސްދޭ "ބޭރި" ސިލްސިލާގެ އެޕިސޯޑްތަކާއި މުޅިން އަލަށް ގެނެސްދޭ "މިވާދު" ޕްރޮގްރާމްވެސް ވެގެންދާނީ ޕީއެސްއެމްގެ ބެލުންތެރިންނަށް އިތުރު ހިތްހަމަ ޖެހުމާއި މަޢުލޫމާތު ލިބިގެންދާނެ ޕްރޮގްރާމް ތަކަކަށެވެ.

މީގެ އިތުރުން ބެލުންތެރިންގެ ހިތްހަމަޖައްސައި ދިނުމަށާއި މުހިންމު މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ "އުފާ" ޕްރޮގްރާމާއި ކުޑަކުދިންނަށް ޚާއްޞަ "ޖައްވު" އަދި ކުޑަކުދިންގެ ވެރައިޓީ ޓޯކް ޝޯވ "އެކުދިންގެ ވާހަކަ" ފަދަ ޕްރޮގްރާމްތައްވެސް ޓީވީއެމްގެ ބެލުންތެރިންނާއި ހަމައަށް މި ރަމަޟާންމަހުވެސް ގެނެސްދޭނެއެވެ.

މީގެ އިތުރުން ޕީއެސްއެމް ނިއުސް އިންވެސް މި ރަމަޟާންމަހު މުހިންމު މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްތަކާއި އިޖްތިމާއީ ކަންކަމާއި ރަމަޟާންމަހާ ގުޅުންހުރި އެކި މަޢުލޫމާތު ހިމެނޭ ރިޕޯޓްތައްވެސް ގެނެސްދެމުންދާނެއެވެ. ޕީއެސްއެމްގެ އުފެއްދުންތަކަކީ އާންމުން ބަލައިގަންނަ މަޤްބޫލު އުފެއްދުންތަކަކަށް ހެދުމަކީ ޕީއެސްއެމްގެ އަމާޒެވެ.