ޚަބަރު

"ސިފަ އުފާ 2019" ބާއްވައިފި


ދިވެހި ސިފައިންގެ 127 ވަނަ އަހަރީދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ "ސިފަ އުފާ ޝޯވ 2019" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ޞާލިޙް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޝޯވް ފެށިގެން ގޮސްފައިވަނީ ސިފައިންގެ އެކި ޚިދުމަތްތައް ދައްކުވައިދޭގޮތަށް ތުއްތު ކުދިންތަކެއް ހުށަހަޅައިދިން ހަރަކާތްތަކަކުންނެވެ. މިއުޒިކާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާއެކު ބާއްވާ މި ޝޯވއަކީ ކޮންމެ އަހަރަކުވެސް ސިފައިން ބާއްވާ ޝޯވއެކެވެ.

މި ޝޯގައިވަނީ ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮސްދެއްވި މަރްޙޫމް މޭޖަރ އަޙްމަތު އާޠިފްގެ ހަނދާން އާކޮށް ޚާއްޞަ ރިޕޯޓެއްވެސް ގެނެސްދީފައެވެ. މި ޝޯވގައި ރާއްޖޭގެ ބައެއް މަޝްޙޫރު ފަންނާނުންގެ ހުށަހެޅުންތައްވެސް ފެނިގެން ގޮސްފައިވެއެވެ.

ސިފައިންގެ 127 ވަނަ އަހަރީދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ނިމިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ސިފައިންގެ ފޮޓޯ މައުރަޒަކާއި ކުޑަކުދިންގެ ހަވީރުގެ އިތުރުން ޝަރަފުގެ ހިނގާލުމެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

މިއަހަރުގެ ސިފައިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " އަސްކަރީ އުސޫލް ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން" މި ޝިއާރެވެ.

ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ.