ތަރައްްޤީ

ޓެކްނޮލޮޖީ ޕާކުގެ ސަބަބުން ތަރައްޤީގެ ސްޕީޑް ވަރަށް ހަލުވިވެގެންދާނެ - މިނިސްޓަރ މަލީޙް


ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ޓެކްނޮލޮޖީ ޕާކްވެގެން ދާނީ ރާއްޖޭގެ ތަރައްޤީގެ ސްޕީޑް އެތަށް ގުނައަކުން އިތުރު ކޮށްދޭނެ އިންސްޓިޓިއުޓަކަށް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި ޤާއިމުކުރާ ޓެކްނޮލޮޖީ ޕާކް ތަރައްޤީކުރާނެ ބިމެއް ހޯދުމަށް އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީހް ވިދާޅުވީ، ފުވައްމުލަކުގައި ޤާއިމުކުރާ ޓެކްނޮލޮޖީ ޕާކަކީ، ބައިނަލްއަޤްވާމީ ކުންފުނިތަކުން އެ ދާއިރާއާއި ގުޅޭ ގިނަ ޚިދުމަތްތަށް ދެވޭނެ ފެންވަރުގެ ހައި ސެކިއުރިޓީތަނަކަށް ހަދާނެކަމަށެވެ. އެގޮތުން އެފަދަ ކުންފުނިތަކުގެ ކޯލް ސެންޓަރުތަކާއި، ދާއިރާގެ ވިޔަފާރިވެރިންނަށް ޚާއްސަ ސިލިކަން އައިލެންޑް ކޮންސެޕްޓަށް އެ ސަރަހައްދު ތަރައްޤީ ކުރާނެކަމަށް މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

މިނިސްޓަރ މަލީޙް ވިދާޅުވީ، އެ ޕާކްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާނީ އައިޓީ އިންސްޓިޓިއުޓެއް ކަމަށެވެ. އެގޮތުން ނެޝަނަލް ސެންޓަރ ފޯރ އިންފޯރމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީއާއި ގުޅިގެން ދަރިވަރުންނަށް އައިޓީ އިންސްޓިޓިއުޓްގައި ކިޔަވާ އިންޓަރންޝިޕް އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް މަލީހް ވިދާޅުވިއެވެ.

"މިއީ ވަރަށް ގިނަ ވަޒީފާގެ ފުރުސަތު ފަިހިވާނެ ތަނެއް. ދުރު އަދި މެދުރާސްތާގެ ޕްލޭންގެ ދަށުން ތަރައްޤީކުރާ މިތަނުގެ ސަބަބުން ފުވައްމިލަކަށް އަދި ރާއްޖެއަށްވެސް ބޮޑު ފައިދާއެއް ކުރާނެ. ސިލިކަން އައިލެންޑް ނުވަތަ ވެލީ ކޮންސެޕްޓަށް މި ސަރަހައްދު ތަރައްޤީކުރާއިރު މިތަނަށް ބޭރުގެ ގިނަ ކުންފުނިތަކެއްގެ ޚިދުމަތްތަށްވެސް ގެންނާނަން." މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި ޓެކްނޮލޮޖީ ޕާކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެޕާކް ޤާއިމުކުރުމުގެ މަސައްކަތް ޓެކްނޮލޮޖީ މިނިސްޓްރީން ބާރު ސްޕީޑްގައި ކުރަމުންދާއިރު، އެޕާކް އިމާރަތްކުރާނެ ކޮންސެޕްޓާއި ތަން ފައިނަލް ކުރުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލާއިއެކު އެ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.