އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިިދިޔަ މާރިޗު މަހުގެ 15 ވަނަދުވަހުއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ 11 ރުފިޔާ 49 ލާރިއަށްކަމަށެވެ. މީ ކުރިން ހުރި އަގަށްވުރެ 70 ލާރީގެ ބޮޑުވުމެކެވެ.
ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 12 ރުފިޔާ 11 ލާރިއަށެވެ. މީ ކުރީގެ އަގާ އަޅަބާލާއިރު 50 ލާރީގެ އިތުރުވުމެކެވެ.
ޕެޓްރޯލް
ކުރިން ލިބެންހުރީ : 10.79 ލާރި
އިތުރުކުރި މިންވަރު : 0.70 ލާރި
މިހާރު ލިބެން ހުރި އަގު : 11:49 ލާރި
ޑީސަލް
ކުރިން ލިބެންހުރީ : 11.61 ލާރި
އިތުރުކުރި މިންވަރު : 0.50 ލާރި
މިހާރު ލިބެންހުރި އަގު: 12.11 ލާރި
ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި ތެލުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯއިން ބުނީ، ތެލުގެ އަގުތަކަށް ބަދަލު ގެނަންޖެހުނީ ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، އެކުންފުންޏަށް ތެޔޮ ގަންނަންލިބޭ އަގު ބޮޑުވުމުންކަމަށެވެ. ސާފުނުކުރާ ތެލުގެ އަގު މި އަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުވެފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެއެވެ.
ތެޔޮ އުފައްފާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އަދި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން މި އަހަރު ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައެވެ. މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާގެ އެނާރޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯރޓްގައި ވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފައެވެ.