އާޖެންޓީނާ އާއި އިންގްލޭންޑަކީ ތާރީހީ ބޮޑު ވާދަވެރިކަމެއް އަބަދުވެސް އޮންނަ ދެގައުމެވެ. ވޯލްޑް ކަޕް ފައިނަލުން ފުރުސަތެއް ހޯދުމަށް މިވާދަވެރިކަން އަލުން އާވުމަކީ، މި ކުރިމަތިލުމަށް އިތުރު ފޯރިއަކާއި ހޫނުކަމެއް ގެނުވި ކަމެކެވެ.
އާޖެންޓީނާގެ ރައްޔިތުން އަބަދުވެސް ފޯކްލޭންޑް އައިލެންޑްސް އާއި އިންގްލޭންޑާ ގުޅުވައިގެން ލަވަކިޔައި އުޅެއެވެ. ފޯކްލޭންޑް އައިލެންޑްސްއަކީ މިދެގައުމުގެ މެދުގައި އޮންނަ ތާރީހީ ވާދަވެރިކަން ފެށިގެންއައި މައިގަނޑު ސަބަބެވެ.
އިނގިރޭސިވިލާތުން އާޖެންޓީނާއަކީ ހަމައެކަނި ފުޓުބޯޅައިގެ ވާދަވެރިއެއްގެ ގޮތުގައި ދެކުނު ނަމަވެސް، އާޖެންޓީނާއަށް މިއީ އެއަށްވުރެ މާ ފުން އަދި މާ މުހިންމު ކަމެކެވެ.
އެޓްލާންޓިކް ކަނޑުގައި އޮންނަ ފޯކްލޭންޑް އައިލެންޑްސް (މަލްވީނަސް) އަކީ 1833 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ތަނެކެވެ.
އާޖެންޓީނާގެ އިރުމަތީ އައްސޭރިން ގާތްގަނޑަކަށް 300 މޭލު ދުރުގައި އޮންނަ މި ޖަޒީރާ ރަށްތަކުގެ މިލްކުވެރިކަން އޮންނަންޖެހޭނީ އެގައުމަށް ކަމަށް އާޖެންޓީނާއިން ގަބޫލުކުރެއެވެ. މި މައްސަލަ އެންމެ ބޮޑުވެގެންދިޔައީ 1982 ވަނަ އަހަރު އާޖެންޓީނާއިން އެ ރަށްތަކަށް އަރައިގަތުމާ ގުޅިގެންނެވެ. ނަމަވެސް އެ ހަނގުރާމައިން އާޖެންޓީނާވީ ބައްޔެވެ.
74 ދުވަހަށް ދެމިގެންދިޔަ ފޯކްލޭންޑް ހަނގުރާމައިގައި ޖުމްލަ 907 މީހުން މަރުވިއެވެ. މީގެ ތެރޭގައި އާޖެންޓީނާގެ 649 ސިފައިންނާއި، އިނގިރޭސިވިލާތުގެ 255 ސިފައިންގެ އިތުރުން ފޯކްލޭންޑްގެ ތިން ރައްޔިތަކު ހިމެނެއެވެ.
މީގެ 42 އަހަރު ކުރިން ހިނގައިދިޔަ އެ ހަނގުރާމައިގައި މަރުވި ސިފައިންގެ ހަނދާން އާކުރުމާއި، އެ ރަށްތައް އަދިވެސް އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތުމަކީ އާޖެންޓީނާގެ ރައްޔިތުންނަށް ވަރަށް އަސަރުކުރާ ކަމެކެވެ. އަދި މިކަން އެމީހުންގެ ގިނަ ލަވަތަކެއްގައިވެސް ފާހަގަކޮށްފައިވެއެވެ.
މިދިޔަ މާރޗު މަހު ބުއެނަސް އައިރީސްގައި ޒެމްބިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން، ހަނގުރާމައިގެ ބައިވެރިން އާޖެންޓީނާ ކުޅުންތެރިންނާއެކު ދަނޑުމަތީގައި ގައުމީ ސަލާމް ކިޔުމުގައި ބައިވެރިވިއެވެ.
ފުޓުބޯޅަ މެޗުތަކާއި، ރޮކް ކޮންސަރޓްތަކުގައިވެސް އާޖެންޓީނާގެ ރައްޔިތުން އެއް އަޑަކުން ކިޔައިއުޅޭ މަޝްހޫރު ލަވައެއް އޮވެއެވެ. އެ ލަވަ ކިޔަމުން ފުންމަމުން އެމީހުން ބުނަނީ: "މިހާރު ތި ފެންނަނީ ނޫންހެއްޔެވެ، ފުންމައި ނުގަންނަ ކޮންމެ މީހަކީ އިނގިރޭސިއެކެވެ!"
ސިޔާސީ ކަންކަމާއި ކުޅިވަރު މިއޮތީ ވަކިނުކުރެވޭ ވަރަށް މަސްހުނިވެފައެވެ. އާޖެންޓީނާގެ ފޮރިން މިނިސްޓަރު ޕަބްލޯ ކުއިރްނޯ މި ހަފުތާގައި ވިދާޅުވީ، ފޯލްކްލޭންޑްގެ އާބާދީއަކީ އިސްތިއުމާރުކުރި ފަރާތުން އުފައްދާފައިވާ އާބާދީއެއް ކަމަށެވެ.
އިނގިރޭސި ސަރުކާރުން ވަނީ މި ވާހަކައަށް ރައްދުދީ، އެ ރަށްތަކުގެ ރައްޔިތުންނަކީ އިނގިރޭސިން ކަމަށާއި އެމީހުންގެ މުސްތަގުބަލު ނިންމުމުގެ ބާރު އޮންނަންޖެހޭނީ އެމީހުންނަށް ކަމަށް ބުނެފައެވެ.
ފޯކްލޭންޑް ހަނގުރާމައިގެ ކުރިން މި ދެ ގައުމަކީ އެކުވެރިކަމުގެ މެޗުތައް ކުޅުނު ދެ ގައުމެވެ. ނަމަވެސް މިހާރު މިފަދަ މެޗެއް އެކުވެރިކަމުގެ ރޫހެއްގައި ކުޅުމަކީ ނާދިރު ކަމެކެވެ. އިނގިރޭސިވިލާތުން ބްރެޒިލާއެކު ގިނަ އެކުވެރިކަމުގެ މެޗުތަކެއް ކުޅުނު ނަމަވެސް، އާޖެންޓީނާއާއެކު އެފަދަ ގާތްކަމެއް ނެތެވެ.