ސިޔާސީ

ނަޝީދު އަދި ނާޒިމްގެ މައްސަލަ އިސްތިއުނާފް ކުރުމަށް ގޮވާލައިފި


ކުރީގެ ރައީސް މުހައްމަދު
ނަޝީދު އަދި ކުރީގެ ޑީފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ
މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ މަރުހަލާއިން ކުރިއަށް
ވަޑައިގަތުމަށް ރައީސުލުޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް
ގޮވާލައްވައިފިއެވެ.



އެމަނިކުފާނު މިކަމަށް
ގޮވާލެއްވީ އއ. ފެރިދޫ ކައުންސިލަށް ނިސްބަތްވާ މެމްބަރުން ޕީ.ޕީ.އެމްއަށް
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމިން
ވިދާޅުވީ، އެއްވެސް މީހެއްގެ މައްޗަށް މައްސަލައެއްގެ ތުހުމަތުކުރެވިގެން،
ޕްރޮސެކިއުޓާ ޖެނެރަލެއް އެ މައްސަލައެއް އުފުއްލަވައިފިކަމަށްވާނަމަ ސަރުކާރުން
އެ މައްސަލައެއްގެ ތެރެއަށް ނުވަންނާނެކަމަށެވެ. އަދި އެ މައްސަލައަކާއި
ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލަކަށް ވަކި ގޮތަކަށް އަމަލުކުރެއްވުމަކަށް
ސަރުކާރުން ބާރު ނާޅާނެކަމަށާއި، ކޯޓުން އެމައްސަލައެއް ނިންމަވާގޮތަކަށް
ސަރުކާރުން ފުރިހަމައަށް ތަބާވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރަކީ
ތަންފީޒީ އިދާރާއެއް ކަމަށާއި، ކޯޓުތަކުގެ ނިންމުންތަކާއި އެއްގޮތަކަށް ސަރުކާރުން
އެކަންތައްތައް ތަންފީޒުކުރައްވާނެކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ޤަބޫލުފުޅު ކުރައްވަން ދަތިވެގެން
އުޅުއްވަނީ ރައީސް ނަޝީދުގެ މައްޗަށް ހުކުމެއް އިއްވުން ކަމަށާއި، ކޯޓުގެ
ނިންމުމާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށްވާނަމަ އިސްތިއުނާފްގެ
މަރުހަލާއައިގެން ކުރިއަށް ވަޑައިގެން އެ މައްސަލަ ނިންމެވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އެންމެ ފަސޭހައިން އިސްތިއުނާފުގެ މަރުހަލާގައި އެބޭފުޅުންނަށް ފައިދާހުރި
ގޮތަކަށް އެމައްސަލަ ނިމިއްޖެނަމަ، އެންމެ ފުރަތަމަ ރައީސް ނަޝީދު ދޫކޮށްލައްވަން
މަސައްކަތްޕުޅު ކުރައްވާނެ ބޭފުޅަކީވެސް ހުދު އެމަނިކުފާނުކަމަށް ރައީސް ޔާމިން
ވިދާޅުވިއެވެ.



ރައީސް ޔާމިން ވިދާޅުވީ
ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދިޔައީ
ސިޔާސީ ޕާޓީތަކުން ކަމަށާއި، ތިން ބާރު ވަކިވެފައިވާ މިނިވަން ދަޢުލަތެއް
ޤާއިމުކުރުމަށް ބާރު އެޅި ފަރާތްތަކަކީވެސް ހަމަ ސިޔާސީ ޕާޓީތައްކަމަށެވެ.
އެހެންނަމަވެސް މިއަދު ފެންނަމުން މިދަނީ ވަކި ފަރުދުންތަކެއްގެ މަސްލަހަތު
ހިމާޔަތްކުރުމަށްޓަކައި، ޑިމޮކްރަސީ ފުނޑުފުނޑުކޮށްލުމަށް މަސައްކަތް ކުރަމުންދާ މަންޒަރުކަމަށެވެ.
ނަމަވެސް ސަރުކާރުން އެފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެކަމަށްވެސް
ރައީސް ޔާމިން ވިދާޅުވިއެވެ.