ވިޔަފާރި

ވިޔަފާރިވެރިންނަށް ޚާއްސަ ލޯނުގެ ޚިދުމަތެއް ތަޢާރަފްކުރަނީ


ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ލޯނުގެ ޚިދުމަތެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.އެމްބީސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމަރ ސަރވިސް މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ގިނަ ފަރާތްތަކަކަށް ލޯން ލިބޭނެ ގޮތްތަކެއް ތަޢާރަފުކުރުމަށް ބީއެމްއެލް އިން ނިންމާފައިވާކަމަށާއި އެގޮތުން ވިޔަފާރިތަކަށް ފަސޭހައިން ލިބޭނެ ހާއްސަ ލޯނެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.މިހާރު ދޫކުރަމުންދާ ލޯނުތަކަށް ބަދަލުގެނެސް ވިހާވެސް ގިނަ ކަސްޓަމަރުންނަށް ލޯނު ލިބޭނެ ފުރުސަތު ހޯދައިދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެބޭންކުން ދާދިފަހުން ވަނީ ލުއި އެކްސްޕްރެސް ލޯނަށް ބޮޑު ދެ ބަދަލެއް ގެނެގެސްފައެވެ. އެގޮތުން ލުއި އެކްސްޕްރެސް ލޯނެއް ނަގާފައިވާ ކަސްޓަމަރަކަށް ނަގާފައިވާ ލޯނުގެ އަދަދު އިތުރުކުރުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރަށް ބީއެމްއެލްގެ މުސާރަ ޖަމާކުރުމުގެ ޚިދުމަތް މެދުވެރިކޮށް އެކައުންޓަށް މުސާރަ ޖަމާކުރާ ފަރާތްތަކަށް އެކަނި ލުއި އެކްސްޕްރެސް ލޯން ދޫކުރުމުގެ ބަދަލުގައި އެކައުންޓް ޓްރާންސްފަރ، ޗެކް އަދި ނަގުދު ފައިސާއިން މަހުން މަހަށް މުސާރަ ޖަމާވިކަމުގައި ވިޔަސް ލުއި އެކްސްޕްރެސް ލޯނަށް އެދި ހުށަހެޅޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.