ޚަބަރު

ރަސްމީ ހެދުމެއް ކަނޑައަޅައި، ދިވެހިން ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު


ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަސްމީ ހެދުމެއް ކަނޑައެޅީ 1969 އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަސްމީ ހެދުމެއް ކަނޑައެޅިތާ މިއަދަށް މިވަނީ 50 އަހަރު ފުރިފައެވެ.

ރަސްމީ ހެދުން ކަނޑައަޅާ 1969 ވަނަ އަހަރު މެއިމަހުގެ އެއްވަނަދުވަހު އޭރުގެ ސަރުކާރުން ރަސްމީ އިދާރާތަކަށް ފޮނުވި ސިޓީގައި ވަނީ 100 ރުފިޔާއިން ފެށިގެން މަތީ އުޖޫރައެއް ލިބޭ ކޮންމެ ފިރެހިން މުވައްޒަފެއްގެ ރަސްމީ ގަޑީގެ ހެދުމަކީ ފަޓުލޫން ނުވަތަ ފަޓުލޫން ބުރިކަމަށެވެ. އެހާތަނަށް ރަސްމީ ގަޑީގައި މުންޑުވެސް ބޭނުންކުރަމުން އައިސްފައިވެއެވެ. ރަސްމީ ހެދުމަށް އައި ބަދަލާއިއެކު ފަޓްލޫން ނުވަތަ ފަޓްލޫން ބުިއާއި އެކު އަރަން ޖެހޭނީ ފައިވާނަންކަންވެސް ރަސްމީ އިދާރާތަކަށް އޭރު އެނގި އެންގުމުގައިވެއެވެ.

އަންހެންނުންގެ ރަސްމީ ހެދުމެއްގެ ގޮތުގައި ސަރުކާރުން ނިންމީ ސާޅިއާއި ޕާކިސްތާން ހެދުން ނުވަތަ ކުރު ހެދުމެވެ. އަދި އަންހެނުންވެސް އަރަންޖެހެނި ފައިވާނަށެވެ.

ހެދުން ކަނޑައެޅުމާއި އެކު އެ ހެދުންތައް ހުންނަންޖެހޭގޮތްވެސް ސަރުކާރުން އިދާރާތަކަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެގޮތުން ރަސްމީ ގަޑީގައި އަޅާ ހެދުމަކީ ރަނގަޅަށް ގުޅޭ ހެދުމަކަށްވާންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. ސަރުކާރުގެ ރަސްމީ ހެދުން މީގެ ފަންސާސް އަހަރު ކުރިން ކަނޑައެޅިއިރުވެސް އެ ހެދުންތައް ބޭނުންކުރާ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަސައްކަތު މީހުން ނޫން އެންމެނެވެ.

ނޭޝަނަލް އަރކައިވްގެ ޑިރެކްޓަރ ޖެނަރަލް މުހައްމަދު ޝާތިރު ވިދާޅުވީ އޭރުގެ ސަރުކާރުން ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަސްމީ ހެނދުމެއް ކަނޑައަޅާފައިވަނީ އޮފީސްތައް ހިނގުމުގައި ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށްކަމަށާއި ދަޢުލަތުގެ ހިންގުން ހަރުދަނާކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ރަސްމީ ހެދުމެއް އޭރުވެސް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ޝާތިރު ވިދާޅުވީ އެގޮތަށް އޭރު ކަނޑައަޅާފައިވަނީ އޮފީސް މާހައުލުގައި ރަނގަޅު އަޚުލާގެއް ޤާއިމްކުރުމަށްކަމަށެވެ. އަދި މިގޮތަށް ބަދަލުކުރުމުން މުވައްޒަފުންނަށް ގިނަ އުނދަގޫތައް ކުރިމަތިވަމުންދިޔަކަމާށާއި މިގޮތުން ހެދުން ބަދަލުކުރުމަށް މުވައްޒަފުންނަށް ވަގުތު ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދަކީ ސަރުކާރުގެ އޮފީސްތަކުގައި ރަސްމީ ހެދުމަށް ބަދަލުކުރިތާ 50 އަހަރު ފުރޭ ދުވަހުގެ އިތުރުން ރާއްޖޭގައި ފަޓުލޫން ލާން ފެށިތާވެސް 50 އަހަރުވާ ދުވަހެވެ.

މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ދިވެހިންނަކީ ތަރައްޤީގެ މަޝްރޫއުތަކުގައި އެކުގައި މަސައްކަތްކުރުމުގެ ނަމޫނާ ބައެކެވެ. މިކަން އެންމެ ބޮޑަށް ދައްކުވާދެނީ ދިވެހިންގެ ފަހުރުކަމުގައިވާ އެއަރޕޯޓް އެޅުމުގެ މަސައްކަތާއި މާލޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތަށް ދިވެހިން އޭރު ނުކުމެފައިވަނީ ހިތާ ރޫހުން އެކަމަށް އެދިގެންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުންނުކުމެ ދިވެހިން މަސައްކަތްތެރިކަންވަނީ ދައްކުވާދީފައެވެ.