ޚަބަރު

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި އަތުލައިގެންފި


ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.144 ކިލޯގެ މަސްތުވާތަކެތި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ ވައިގެމަގުން މިތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ބިދޭސީއެއްކަމަށާ، މި މީހާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށެވެ. މި މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީއަގު 3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ވައިގެމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާއިރު، ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ހުވަދު އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިހުރި 150 ކިލޯގެ މަސްތުވާތަކެތިވެސް ހޯދާފައެވެ. މިތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފުލުހުން ވިދާޅުވެއެވެ.