ޚަބަރު

ރޯދަ އިނާޔަތް ނުދޭކަން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފާހަގަކޮށްފި


ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެ އޮތޯރިޓީން ނެރުއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރަމުންދާ އިންސްޕެކްޝަން ތަކުގައި، ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެޢިނާޔަތް ދެމުން ނުދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހާމަކުރެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންޖެހެއެވެ.