ސިއްހަތު

ސުޕަރ ސްޕެޝަލިސްޓުން ގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް


ހުސްނުވާ
އާސަންދައިގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސުޕަރ ސްޕެޝަލިސްޓުންގެ
ޚިދުމަތް ތަޢާރަފުކޮށްފިއެވެ.



އެކަމަށްޓަކައި
ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސުޕަރ
ސްޕެޝަލިސްޓުންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއެވެ.



މީގެ އިތުރުން
އެމަނިކުފާނު ވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ ރާއްޖޭން ބޭރުގެ ހޮސްޕިޓަލުތަކާ
ކަމާބެހޭ އެއްބަސްވުމުގެ ލިޔުންވެސް ހަވާލުކޮށްދެއްވާފައެވެ. މި ޙިދުމަތުގެ ދަށުން
ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ ކުރުމަށް ގޮސްއުޅޭ ދެ ޤައުމު ކަމުގައިވާ
އިންޑިއާ އަދި ސްރިލަންކާގެ ނުވަ ހޮސްޕިޓަލަކުން ޖުމްލަ އޭގަރަ ސްޕެޝަލިސްޓުން
ރާއްޖޭގެ 5 ސަރަޙައްދެއްގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ.



މި
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަޙުމަދު ޒުޙޫރު
ވިދާޅުވީ، ހުސްނުވާ އާސަންދައިގެ ދަށުން އަލަށް ތަޢާރަފުކުރެވިގެން ދިޔަ
ޚިދުމަތުގެ ސަބަބުން، ރާއްޖޭގައި ޚާއްސަކޮށް އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި
ސްޕެޝަލިސްޓުން ނެތުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި
ހަރަކާތްތެރިވާ ދިވެހިން އިތުރު ކުރުން ކަމަށާއި، އެގޮތުން އަންނަ ޖުލައި މަސް
ތެރޭ 20 ޑޮކްޓަރުން ސަރުކާރުގެ ހަރަދުގައި ސްޕެޝަލިސްޓުންގެ ގޮތުގައި
ތަމްރީންކުރުމަށް ހަމަޖެހިފައިވާކަމަށް ޒުޙޫރު ވިދާޅުވިއެވެ. އަދި އަމިއްލަ
ގޮތުންވެސް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ވާންބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ
މެދުވެރިކޮށް އެ ފުރުސަތު ހުޅުވިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި
ފާހަގަކުރެއްވިއެވެ.



ނެޝެނަލް
ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ސީ.އީ.އޯ މުޖުތަބާ ޖަލީލު ވިދާޅުވީ،
ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި
ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނަށް ދެވަނަ ފަހަރަށް ޑޮކްޓަރަށް
ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ
ސަރަޙައްދުތަކުގައި ކޮންމެ މަހަކު އެއްފަހަރު ސުޕަރ ސްޕެޝަލިސްޓުންގެ ޓީމުގައި
ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ބައްލަވާގޮތައް ހަމަޖެހިފައިވާކަމަށާއި، ސުޕަރ
ސްޕެޝަލިސްޓް ޑޮކްޓަރަންނަށް ދެއްކުމާއި، އެބޭފުޅުން ދެއްވާ އެހެނިހެން
ޚިދުމަތްތަކާއި، ބޭހުގެ އެހީގެ ކަންތައްތައް އާސަންދައިގެ ދަށުން
ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.



އާސަންދައިގެ
ދަށުން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ފުޅާކުރުމުގެ
ގޮތުން އަލަށް ތަޢާރަފުކުރެވިގެންދިޔަ ސުޕަރ ސްޕެޝަލިސްޓުންގެ ޙިދުމަތުގެ ދަށުން
ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފުރަތަމަ ޓީމު، ރާއްޖެ އައިސް އެބޭފުޅުންގެ
މަސައްކަތްތައް މިހާރު އަތޮޅުތެރޭގައި ފަށާފައިވާކަމަށް އާސަންދަ ޕްރައިވެޓް
ލިމިޑެޓުން މަޢުލޫމާތުދެއެވެ. ސުޕަރ ސްޕެޝަލިސްޓުންގެ މި ޓީމުގައި، ނިއުރޮލޮޖީ،
ނެފްރޮލޮޖީ، ކާރޑިއޮލޮޖީ އަދި ހެމަޓޮލޮޖީ ފަދަ ރާއްޖޭން ނުލިބޭ ސްޕެޝަލިސްޓުންގެ
ޙިދުމަތްތަކަށް މަޝްޙޫރު ޑޮކްޓަރުން ހިމެނޭނެކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.