ޚަބަރު

ނޭޝަނަލް އެމްބިއުލަންސްގެ ޚިދުމަތް އަންނަމަހު ފަށަނީ

ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ނޭޝަނަލް އެމްބިއުލަންސްގެ ޚިދުމަތް ދޭން ފަށާނެކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ސެންޓްރަލް އެމްބިއުލަންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުންގެންދަނީ މަސައްކަތްކުރަމުންނެވެ.

މިޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަޞީލަތާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވި އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މީހުން ތަމްރީނުކުރުމުގެ މަސައްކަތް އޮސްޓްރޭލިއާގެ "ގްރެފިތް ޔުނިވަރސިޓީ"އާ ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.
މި ޚިދުމަތް އެންމެ ފުރަތަމަ މާލެ ސަރަޙައްދުގައި ފަށަން ނިންމާފައިވާއިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މިކަމަށް ބޭނުންވާ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށާ އަންނަ މަހު ޚިދުމަތް ފެށޭވަރު ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްބިއުލާންސްގެ ޚިދުމަތާއެކު އެމްބިއުލަންސްތައް މޮނީޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއްވެސް ޤާއިމުވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެއްވިއުގައަކުން ގުޅާލެވޭ ނޭޝަނަލް އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދޭނީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އެއް ނަންމަބަރަކަށް ގުޅައިގެންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ކުއްލިޙާލަތުގައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.