ފަލަސްޠީނުގެ އުތުރު ޣައްޒާގައި ހުރި ހަމައެކަނި ޑަޔަލިސިސް ސެންޓަރު ކަމަށްވާ ނޫރާ އަލް-ކަޢުބީ ޑަޔަލިސިސް ސެންޓަރަށް ޔަހޫދީން ޙަމަލާދީ އެ ތަން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންދީ ސުންނާފަތި ކޮށްލައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣައްޒާގެ ޞިއްޙީ ވުޒާރައިގެ ޑިރެކްޓަރ ޖެނެރަލް، މުނީރު އަލް-ބޫޝް ވަނީ ބައިތު ލާޙިޔާގައި ހުރި ޑަޔަލިސިސް ސެންޓަރަށް ޙަމަލާދީ ސުންނާފަތި ކޮށްލާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ޙިއްޞާ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ސެންޓަރަކީ ކިޑްނީ މަސައްކަތް ކުރުން ހުއްޓިފައިވާ 160އަށްވުރެ ގިނަ ބަލިމީހުންނަށް ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ފަރުވާ ފޯރުކޮށްދެމުން ދިޔަ މަރުކަޒެއް ކަމަށެވެ. އެ މަރުކަޒަކީ ޣައްޒާގައި ހުންނަ އިންޑޮނޭޝިޔާ ހަސްފަތާލުގެ ބައެކެވެ. ބޭނުން ނުކުރެވޭ ވަރަށް އެ މަރުކަޒަށް ގެއްލުން ދީފައި މި ވަނީ ޔަހޫދީން މީގެ ކުރިން ދިން ޙަމަލާއެއްގައި އެ މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބުމުން އެތަން މަރާމާތު ކޮށް އަލުން ހުޅުވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ނޫރާ އަލް-ކަޢުބީ ޑަޔަލިސިސް ސެންޓަރަށް ޔަހޫދީން ދިން ޙަމަލާއަކީ އެތައް ސަތޭކަ ބަލިމީހުންނަށް ދެވޭ މަރުގެ ހުކުމެއް ކަމަށެވެ. އެ މީހުންގެ ބަލި ޙާލަތު ހުރީ ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާވާ ޙާލަތުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ ޣައްޒާގެ ރައްޔިތުންގެ ތެރެއިން 41 އިންސައްތަ މީހުން ވަނީ ޑަޔަލިސިސްގެ ޚިދުމަތާއި އެހެނިހެން ފަރުވާ ނުލިބުމުގެ ސަބަބުން ޝަހީދުވެފައި ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ޣައްޒާގެ އަލް-ޝިފާ ހަސްފަތާލުގެ ޑިރެކްޓަރ މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ފަރުވާއަށް ހުރަސް އެޅިފައިވާތީ ދުވާލަކު ކެންސަރު ބަލި ޖެހިފައިވާ ފަސް މީހުން މި ދުނިޔެ ދޫކުރަމުންދާ ކަމަށެވެ. ހަސްފަތާލުތަކުން ވެސް އެ މީހުންނަށް ބޭނުންވާ ފަރުވާ ނުދެވޭތީ އެ މީހުންގެ ފަހު ނޭވާ ލަމުން ދަނީ ބޭރުތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ ޣައްޒާގެ ހަސްްފަތާލުތަކަށާއި ކިޑްނީ ޑަޔަލިސިސް ޔުނިޓުތަކަށް ވެސް ސާފު ފެން ނުލިބޭ ކަމަށެވެ. ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަސްފަތާލުތަކުގެ ސާފުތާހިރު ކަމަށާއި ޒަޚަމްތަކަށް ފަރުވާ ދިނުމަށާއި ފަރުވާ ދިިނުމަށް ބޭނުންކުރާ އާލާތްތަކުން ޖަރާސީމު ފިލުވުމަށް ސާފު ފެނަކީ ކޮންމެހެން މުހިންމު އެއްޗެކެވެ. ޑަޔަލިސިސް ފަރުވާ ދޭއިރު ބަލިމީހުންގެ ލޭ ސާފު ކުރުމަށް ވެސް ސާފު ފެނަކީ ކޮންމެހެން މުހިންމު އެއްޗެކެވެ. އަބޫ ސަލްމިޔާ އިތުރަށް ވިދާޅުވީ ގިނަ ޢަދަދެއްގެ ބަލިމީހުންނާއި ޒަޚަމްތައް ލިބިފައިވާ މީހުން ޝަހީދުވަމުން ދަނީ ލޭ އަޅަން ޖެހޭ ޙާލަތުގައި އަޅާނެ ލޭ ނުލިބުމުގެ ސަބަބުން ކަމަށެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޔަހޫދީންގެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 54،418އަށް އުފުލިފައިވާއިރު، އިތުރު 124،191 މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހިމަނައިގެން ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 61،700އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެއެވެ.
ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ޣައްޒާގެ އިމާރާތްތަކަށް ޤަވާއިދުން ޙަމަލާދެއެވެ. އެ ގޮތުން ޣައްޒާގެ ހަސްފަތާލާއި މަދަރުސާތަކަށް ވެސް ޙަމަލާތައް ދެއެވެ. އެ ރަހުމު ކުޑަ ޙަމަލާތައް ދެމުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ.