ޚަބަރު

އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ސައްތާރު، ނައިބުންނަށް މުންތަގިމް އާއި އަޙްމަދު އިންތިޚާބުކޮށްފި


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްކަމަށް އަނެއްކާވެސް މުޙައްމަދު އަބުދުލް ސައްތާރު (ޗަމްޕީ) އިންތިޚާބުކުރައްވައިފިއެވެ.

ނިމިގެން ދިޔަ ދައުރުގައިވެސް އެމްއޯސީގެ ރައީސްގެ މަގާމު ފުރުއްވި ޗަންޕީ ދެވަނަ ދައުރަކަށް އިންތިހާބު ކުރީ މިއަދު ހ. މީރުމާ ހޮޓެލްގައި ބޭއްވި އިންތިހާބުގައެވެ.
އެމްއޯސީގެ ރައީސްކަމުގެ އައު ދަރަކަށް ސައްތާރު އިންތިހާބުކުރި އިރު އެ މަގާމަށް އިތުރު ކެންޑިޑޭޓަކު ވާދަކޮށްފައެއްވެސް ނުވެއެވެ.

2025-2029 އަށް އާ ދައުރަކަށް އެމްއޯސީގެ މަޤާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގައި ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަހުމަދު މުންތަގިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ވާދަކުރި އަޙްމަދު އިސްމާއިލްއެވެ.

މުންތަގިމް އަދި އަޙްމަދު އިންތިހާބުވިއިރު ނައިބު ރައީސްކަމަށް ދެން ވާދަކުރެއްވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ) އެވެ. އަހުމަދަށް 15 ވޯޓު ލިބުނުއިރު މުންތަގިމްއަށް ލިބުނީ 12 ވޯޓެވެ. އަދި މުސްތަފާއަށް ލިބުނީ ތިން ވޯޓެވެ.

ކުރިންވެސް ރައީސް އާއި ނައިބު ރައީސުންގެ މަގާމުތައް ފުރުއްވި ބޭފުޅުން އިތުރު ދައުރަކަށް އިންތިހާބުކޮށްފައިވާއިރު މުންތަގިމްއަކީ މިދިޔަ އަހަރުގެ ޖޫންމަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެމްއޯސީގެ ނައިބަކަށް އިންތިހާބުވި ބޭފުޅެކެވެ. މުންތަގިމް އެމަގާމަށް އިންތިހާބުކުރީ އެމްއޯސީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޠަލާލް، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން އޭނާ މަގާމު ދޫކޮށްލެއްވުމުންނެވެ.