ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީންކުރުމުގައި އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވަރސިޓީގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްޓަކާއި އެޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އިންސާނީ ވަޞީލަތެއް ނެތުންކަމަށެވެ. އެހެންކަމުން ގްރެފިތް ޔުނިވަރސިޓީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މީހުން ބިނާކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްގެންދިޔުމުގެ މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުއްލި ޙާލަތުގައި މަސައްކަތްކުރާނެ މީހުން ބިނާކުރުމާއި އެފަދަ ޙާލަތްތަކަށް މީހުން ތައްޔާރުކުރުމާއި ދިރާސާކުރުމުގެ ދާއިރާ ފުޅާ، އޮސްޓްރޭލިއާގެ ގްރެފިތް ޔުނިވަރސިޓީއަކީ މުޅި ދުނިޔޭގައިވެސް މިފަދަ މަސައްކަތްތަކަށް ފާހަގަކޮށްލެވޭ ޔުނިވަރސިޓީއެކެވެ. އެޔުނިވަރސިޓީގެ ފަރާތުން ވާހަކަދެއްކެވި ޕްރޮފެސަރ ކޯޑިއާ ޗޫ ވިދާޅުވީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ސިއްޙީ ޚިދުމަތް ދިނުމަށް އުސޫލުތައް އެކުލަވާލާފައިވާ ގޮތާމެދު އުފާކުރައްވާކަމަށެވެ. އަދި އެއީ ނަމޫނާ މަސައްކަތެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެޔުނިވަރސިޓީއާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްޙީ ވެއްޓާ ގުޅޭ ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާކަންވެސް އޭނާގެ ވާހަކަފުޅުގައިވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރުވެސް ރާއްޖެއިންވަނީ ގްރެފިތް ޔުނިވަރސިޓީއާއި ގުޅިގެން ޕެރަމެޑިކް ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުއްލި ޙާލަތުގައި ޢަމަލުކުރާނެ ގޮތުގެ ޚާއްސަ ޕްރޮގްރާމެއް ލ.އަތޮޅުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެ ޕްރޮގްރާމްގެ ދަށުން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ 25 މީހަކު ތަމްރީނުކޮށްފައިވެއެވެ. ހެލްތް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީންކުރުމުގެ އިތުރުން ނޭޝަނަލް އެމްބިއުލޭންސްގެ ޚިދުމަތް ފެށުމަށް ބޭނުންވާނެ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.